Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

100 އެނދުގެ ހޮސްޕިޓަލުގެ ބީލަން ބާތިލްކޮށްފި

އައްޑޫގައި އިމާރާތް ކުރާ 100 އެނދުގެ އާ ހޮސްޕިޓަލް އިމާރާތް ކުރާނެ ބަޔަކު ހޯދަން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހުޅުވާލި ބީލަން ބާތިލްކޮށް އަލުން، މި މަހުގެ 19 ވަނަ ދުވަހު ފުރުސަތު ހުޅުވާލުމަށް ފަހު އަނެއްކާ ވެސް ބީލަން ބާތިލްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މި މަހުގެ 26 ވަނަ ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހޮސްޕިޓަލެއް ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ނޮވެމްބަރު 19، 2015 ވަނަ ދުވަހު ކުރި އިއުލާން ބާތިލްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އެ އިއުލާނުގައި އިތުރަަށް ހިމަނައިފައެއް ނުވެ އެވެ.

އައްޑޫގައި އިމާރާތް ކުރާ 100 އެނދުގެ ހޮސްޕިޓަލަކީ ސައުދީ ފަންޑުން ދޭ 12.5 މިލިއަން ޑޮލަރާއި އޯޕިޑުން 8.5 މިލިއަން ޑޮލަރުގެ ލޯނެއްގެ އެހީގައި އިމާރާތް ކުރަން ނިންމާފައިވާ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލްގެ ޑިޒައިން ވެސް މިހާރު ވަނީ ނިންމާފަ އެވެ. އަދި މިކަމަށް ހިތަދޫން ކަނޑައަޅާފައިވާ ބިމުގެ ސާވޭ ނިންމައި މިދިޔަ އަހަރުގެ ފަހުކޮޅު ބިން ސާފު ކުރުމުގެ މަސައްކަތް ވެސް ކުރި އެވެ.

އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅާ ވާހަކަ ދައްކަމުން ގެންދާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ރައީސް މައުމޫންގެ ސަރުކާރުން ފެށިގެން މިހާތަނަށް އައި އެއްވެސް ސަރުކާރަކަށް ހޮސްޕިޓަލާއި ގުޅޭ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ވަނީ 2015 ވަނަ އަހަރު ނިމުމުގެ ކުރިން އައްޑޫ ހޮސްޕިޓަލުގެ މަސައްކަތް ފެށޭނެ ކަމަށް މީގެ ކުރިން ބުނެފައެވެ.