Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

އެމްޑީޕީގެ ޑިމާންޑްތަކުގެ ތެރޭގައި ނާޒިމް، އިމްރާން އަދި އަދީބު މިނިވަންކުރުން ނުހިމެނޭ !

އިދިކޮޅު އެމްޑީޕީގެ ފަރާތުން "މިންޖުވާން" ނަމުގައި ބޮޑު މުޒާހަރާއަކަށް ތައްޔާރުވާން ފެށީ، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ތަފާތު އެކި ދައުވާތައް އުފުލާފައިވާ ސިޔާސީ ލީޑަރުންނާއި ޖަލުގައި ބަންދުވެފައި ތިބި ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ގޮވާލަމުންނެވެ.

އޭގެ ތެރޭގައި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް އަދި ކުރީގެ މަޖިލިސް މެންބަރު އަހްމަދް ނާޒިމް މެން ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ރައީސް ނަޝީދުގެ މައްޗަށް ކުރި ޝަރީޢަތުގައި އެމަނިކުފާނުގެ ހައްޤުތައް ނިގުޅައި ގަނެފައިވާތީ، އެކަމާއި އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި އެއް ބޭފުޅަކީ، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އެވެ. އެމްޑީޕީގެ ސަފުތަކާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ ސަފުތައް އެކުވެރި ކުރުވައި، "މޭޑޭ" މުޒާހަރާ އާއި ފެބްރުއަރީ 27 ގައި ބޭއްވި ބޮޑު މުޒާހަރާ އިންތިޒާމްކުރެއްވި ބޭފުޅަކީ ޝެއިޚް އިމްރާން އަބްދުﷲއެވެ.

ސަރުކާރުގެ ކޯލިޝަންތެރޭގައި ހުންނަވައިގެން ފާޅުގައި ސަރުކާރުން ކުރަމުން ގެންދިޔަ ޤާނޫނާއި ޚިލާފުކަންތައް ހުއްޓާލުމަށް ގޮވާލުމުން އެކަމަށް ސަރުކާރުން އިޖާބަ ނުދެއްވުމުން، ސަރުކާރު ކޯލިޝަނުން ވަކިވެވަޑައިގެން، ރައީސް ނަޝީދު އާއި މެދު ކުރެވުނު ޝަރީޢަތް އިންސާފުވެރިކަމާއި އެކު ކުރިއަށް ގެންދިއުމަށް ގޮވާލި އެއް ބޭފުޅަކީ، ޝެއިޚް އިމްރާން އަބްދުﷲއެވެ. އެމްޑީޕީ އާންމު މެންބަރުންގެ ނަފްރަތު މާޒީގައި އަމާޒުވެފައި ހުރި ބޭފުޅަކަށް ވިޔަސް، ޝެއިޚް އިމްރާންގެ ހިކްމަތްތެރި ސިޔާސީ ނިންމުންތައް އެ ޕާޓީގެ އާންމު މެންބަރުންނާއި ހިސާބުން ވަނީ ބަލައިގެންފައެވެ.

ދެން ހުންނެވީ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމެވެ. އެބޭފުޅާގެ މައްޗަށް ބޭ އިންސާފުން ކުރެވުނު ޝަރީޢަތާއި ބެހޭ ގޮތުން ވެސް އެމްޑީޕީގެ ލީޑާޝިޕުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ވާހަކަ ދައްކާފައެވެ. އެމްޑީޕީގެ ބައެއް ބޭފުޅުން ނާޒިމަކީ، "ބާޣީ" އެއް ގޮތުގައި ސިފަކުރި ނަމަވެސް، ނާޒިމް ސަރުކާރު ތެރޭގައި ހުންނަވައިގެން ޚިދުމަތްތަކެއް ކުރިކަން އެމީހުން ވެސް ޤަބޫލުކުރެއެވެ.

ކޮންމެ އަކަސް، ކާނަލް ނާޒިމާއި ޝެއިޚް އިމްރާންގެ ދިފާޢުގައި އެމްޑީޕީ އިން ވަކާލާތު ކުރަން ފެށީ އޭގެ ސަބަބުން އެ ޕާޓީއަށް ސިޔާސީ ފައިދާތަކުގެ އިތުރުން އެހެނިހެން ގޮތް ގޮތުން ފައިދާތަކެއް ލިބިގެންދާނެތީ ކަމަށް ސިޔާސީ މަސްރަޚް ދިރާސާ ކުރައްވާ ބޭފުޅުން ދެކިލައްވައެވެ.

އެމްޑީޕީ އިން އެންމެ ފަހުން، އެބޭފުޅަކަށް އަނިޔާނުކުރުމަށް ގޮވާލީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އެވެ. އަދީބުގެ އަނިޔާވެރިކަން ނިންމުމަށް ނިކުތް ބަޔަކު އަދީބުގެ ދިފާޢުގައި ނިކުތުމަކީ އިޚްލާސްތެރިކަމާއި މެދު ސުވާލު އުފެދޭ ކަމެއް ކަމުގައި ބައެއް ފަރާތްތަކުން ބުންޏެވެ. ނަމަވެސް އެމްޑީޕީ އިން ބުނެފައި ވަނީ އެ ޕާޓީ އިން މަސައްކަތް ކުރަނީ އުސޫލްތަކެއްގައި ހިފަހައްޓައިގެން ކަމަށާއި އެއްވެސް މީހަކަށް އަނިޔާވެރިވުމަށް އެ ޕާޓީއިން ހިތްވަރު ނުދޭނެ ކަމަށެވެ.

އެމްޑީޕީ އާއި އެކު ގުޅިގެން މަސައްކަތް ކުރި އެހެނިހެން ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި އާންމު މެންބަރުން ވެސް ޤަބޫލުކުރައްވަމުން ގެންދެވީ އެގޮތެވެ. ނަމަވެސް ރޭގެ މުޒާހަރާގައި އެމްޑީޕީގެ ފަރާތުން ސަރުކާރަށް ކުރި ޑިމާންޑްތަކާއި އެކު އޭގެ ތެރެއިން ބައެއް ބޭފުޅުން އެމްޑީޕީ އާއި ފެއަށް ޖެހިވަޑައިގަންނަވާނެ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ. އެގޮތުން "ޓީމް އަދީބު"ގެ ނަމުގައި ސޯޝަލް މީޑިޔާގައި ހަރަކާތްތެރިވާ ޒުވާނުން ވަނީ، އަދީބު މިނިވަންކުރުމަށް ގޮވާނުލުމުން އެކަމާއި މެދު ނުރުހުން ފާޅުކޮށް އެމްޑީޕީގެ އިޚްލާސްތެރިކަމެއް ނެތް ކަމަށް ބުނެފައެވެ.

މިހާތަނަށް އަދާލަތު ޕާޓީ އާއި ކާނަލް ނާޒިމްގެ އާއިލާގެ ފަރާތުން ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް އެމްޑީޕީ އިން ސަރުކާރަށް ކުރި ޑިމާންޑުތަކުގައި ސާފުކޮށް، ނާޒިމާއި އިމްރާން ދޫކޮށްލުމަށް ގޮވާނުލުމަކީ، އެމްޑީޕީ އާއި އެކު ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރުމަށް އެ ބޭފުޅުންނަށް ދަތި ވާނެ ކަމެއް ކަމަށް ބެލެވެއެވެ. އެމްޑީޕީގެ ލީޑާޝިޕުން މިފަދަ ކަންކަމާއި މެދު ނުވިސްނައިފި ނަމަ މިންޖުވާން ކިތަންމެ މުޒާހަރާއެއް ކުރިއަސް ކާމިޔާބު ވުމަކީ އުނދަގޫ ކަމެކެވެ.\