Last Updated: March 29, 17:30
Friday, March 29, 2024
ކުޅިވަރު

ރޫޑް ވެން ނިސްޓެލްރޫއި ގެ ރިކޯޑު ޖޭމީ ވާޑީ މުގުރާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ގޯލު ޖެހި ކުޅުންތެރިޔާގެ ރިކޯޑު ލެސްޓާ ސިޓީގެ ޒުވާން ފޯވާޑް ޖޭމީ ވާޑީ މުގުރާލައިފިއެވެ.

ރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެ 1-1 ގެ ނަތީޖާ އަކުން އެއްވަރުވި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ޖެހިޖެހިގެން 11 ވަނަ މެޗުގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށް ޖޭމީ ވާޑީ ވަނީ ވެފައެވެ.

މި ރިކޯޑު ކުރިން ހޯދައިފައި ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ރޫޑް ވެން ނިސްޓެލްރޫއި އެވެ. އޭނާ ވަނީ ޖެހިޖެހިގެން 10 މެޗުގައި ގޯލު ޖަހާފައެވެ.

މިސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޖޭމީ ވާޑީ އަށް ގިނަ ބަޔެއްގެ ތައުރީފުގެ ބަސްތައް ވަނީ ރައްދުވެފައެވެ. އެގޮތުން އޭނާގެ މެނޭޖަރ ކްލައުޑިއޯ ރަނޭރީ، މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖަރ ލުއި ވެން ގާލް އަދި ކުރިން މި ރިކޯޑު އޮތް ވެން ނިސްޓެލްރޫއި ވެސް ހިމެނެއެވެ.

މިރޭ މެންޗެސްޓާ ޔުނައިޓެޑް އަދި ލެސްޓާ ސިޓީ ކުޅުނު މެޗުގައި ފުރަތަމަ ގޯލުވެސް ޖެހީ ލެސްޓާ ސިޓީއިންނެވެ. މިގޯލު ވާޑީ ކާމިޔާބު ކޮށްދިނީ 24 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލިބުނު ކޯނަރަކަށް ފަހު ކުޅުނު ކައުންޓާ އެޓޭކެއްގައެވެ. މުޅި މެޗުގައިވެސް ވާޑީ އަށް ލިބުނު ހަމައެކަނި ހުސް ފުރުސަތުގައި އޭނާވަނީ ގޯލު ޖަހާ ރިކޯޑު ހަދާފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުން ވަނީ ލިބުނު ކޯނަރަކުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފުރަތަމަ ހާފުގެ 45 މިނެޓު ހަމަވެގެން އިތުރު ވަގުތުގެ ތެރޭގައި މިގޯލު ކާމިޔާބު ކޮށްދިނީ ބަސްޓިއަން ޝްވައިންސްޓައިގާ އެވެ.
ދެވަނަ ހާފުގައި ދެޓީމުންވެސް ވަނީ ގޯލެއް ޖަހާ މެޗު ކާމިޔާބު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ގޯލަށް ނުރައްކާ ކުރާނެ މާ ގިނަ ހަމަލާތަކެއް ދެޓީމަށްވެސް ފޮނުވާލެވިފައެއް ނުވެއެވެ.