Last Updated: April 25, 08:57
Thursday, April 25, 2024
ކުޅިވަރު

އަތޮޅު ލީގް ބެޑްމިންޓަން މުބާރާތުގެ ފައިނަލަށް އައްޑޫ ޓީމް

މިހާރު މާލޭގައި ކުރިއަށްދާ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ފައިނަލަށް އައްޑޫ ސިޓީ ބެޑްމިންޓަން ޓީމް ދަތުރުކޮށްފިއެވެ.

އައްޑޫ ޓީމް ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލްގައި އައްޑޫން ވާދަ ކުރި 2 ވަނަ ޓީމް ހޮރައިޒަން އެކަޑަމީއާ ބައްދަލުކޮށް 3 ޓައިން މެޗް ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ ފައިނަލްގައި އައްޑޫ ސިޓީ ޓީމް ވާދަކުރާނީ ހޮޅުދޫ ޓީމް އާއި އެކު އެވެ. ހޮޅުދޫ ޓީމް ފައިނަލަށް ދަތުރުކުރީ ފާއިތުވި ދެއަހަރުގެ ޗެމްޕއަން އޭދަފުށީ ޓީމް ބަލިކޮށްގެންނެވެ.

މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހު ހަވީރު 3:30ގައެވެ. މި މެޗް ޕީއެސްއެމް މީޑިއާއިން ވަގުތުން ދައްކާ ގޮތަށް ހަމަޖެހިފައެވެ.

އަތޮޅު ލީގު މުބާރާތަށް ތައްޔާރުވި އައްޑޫ ސިޓީ ޓީމް މިފަހަރު ތައްޔާރުވެފައިވަނީ ކުރިއާލައި ކޯޗެއް ގެނެސް ރަގަޅު ތަމްރީނު ތަކާއި އެކުއެވެ. ޓީމްގެ މެނޭޖްމަންޓްއިން ބުނީ މުބާރާތުގެ ފައިނަލަށް ޓީމް ދަތުރުކޮށްފައިވަނީ ގިނަ ބައެއްގެ އެހީތެރިކަމާއި އެކު ކަމަށެވެ. އެހެންވެ އެފަރާތްތަކަށް މެނޭޖްމަންޓް އާއި ކުޅުންތެރިން ޝުކުރު އަދާ ކުރެއެވެ.

އެގޮތުން އައްޑޫ ސިޓީ ކައުންސިލް، އެމްއާރްޑީސީ، ހައުސިން މިނިސްޓްރީގެ އިތުރުން ޔޫތު މިނިސްޓްރީގެ އެހީތެރިކަމުގެ އިތުރުން ހެޔޮއެދޭ ގިނަ ފަރާތްތަކުން ޓީމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މެނޭޖްމަންޓް އިން ބުނެއެވެ.