Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

އަލީ ސާލިހްގެ މައްޗަށް ދައުވާ ކުރަނީ

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަށް ހުންނަވައިގެން ފަޅު ރަށެއް ކުއްޔަށް ދިނުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ތުހުމަތުގައި މިހާރު ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހުގެ މައްޗަށް ދައުވާކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ހުށަހަޅައިފި އެވެ.

މި މައްސަލަ އާއި ގުޅޭ ގޮތުން އޭސީސީން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ނ. ކުރަމާދޫގެ ޕްރޮޕޯސަލްގެ މައުލޫމާތު ކަރުދާހުގައިވާ ގޮތާ ހިލާފަށް އެއް ޕްރޮޕޯސަލް ބަލައިގަނެފައިވާ ކަމަށެވެ. އެގޮތުން ޕްރޮޕޯސަލާ އެކު ހުށަހަޅަން ޖެހޭ ތަކެތި ލިބިފައިވާ ކަމަށް ބަލައި ޗެކް ލިސްޓްގައި ސޮއިކުރީ ތަކެތި ހަމަކަމަށް އަލީ ސޯލިހު ވިދާޅުވުމުން ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ބުނެފައިވެ އެވެ.

އަދި ޕްރޮޕޯސަލާ އެކު ކުންފުނީގެ އަސާސީ ގަވާއިދު ހުށަހަޅަން ޖެހޭ އިރު އެކަން ފުރިހަމަކޮށްފައިވާ ކަމާއި ކުންފުނި އުފެއްދުމުގެ މަގުސަދުތަކުގެ ތެރޭގައި ދަނޑުވެރިކަން ހިމެނޭ ކަމަށް އަލީ ސޯލިހު ވިދާޅުވި ކަމަށް ތަހުގީގަށް ވަނީ އެނގިފަ އެވެ.

އޭސީސީން ބުނީ ބިޑް އިވެލުއޭޓްކުރި އިރު އެ ޕްރޮޕޯސަލްގެ ބައެއް މަދުކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަން އަލީ ސޯލިހުގެ ސަމާލުކަމަށް ވެސް ގެނަ އެވެ. އެހެންކަމުން ފުރަތަމަ ޕްރޮމޯސަލް ހުށަހެޅި އިރު ނުހިމެނޭ އަސާސީ ގަވާއިދު ފަހުން އޭގެ ތެރެއަށް ލީކަން ތަހުގީގަށް ފާހަގަކުރެވުނެވެ.

އޭސީސީން ބުނި ގޮތުގައި އެ ބައި ޕްރޮޕޯސަލްގައި ހިމަނާފައި ވަނީ ބިޑް ހުށަހެޅި ކުންފުންޏާ އަލީ ސޯލިހު ބައްދަލުކުރެއްވި ފަހުންނެވެ.

ޕްރޮޕޯސަލް ބާތިލުކުރުމުގެ ބަދަލުގައި އަސާސީ ގަވާއިދުގެ ބައި ޕްރޮޕޯސަލްގެ ތެރެއަށް ލީ ވަކި ބަޔަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް ބެލެވޭތީ އެއީ ކޮރަޕްޝަން ހިމެނޭ މައްސަލައެއް ކަމަށް އޭސީސީން ވަނީ ކަނޑައަޅައިފަ އެވެ. އަދި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ހުށަހަޅަން އޭސީސީން ޕީޖީގެ ކިބައިން އެދިފައިވެ އެވެ.