Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ކުނި ކޮށި އަދިވެސް ކޮންޓްރޯލެއް ނުވެ އަނދަނީ

ކުނި ކޮށީގައި ރޯވި އަލިފާން ގަނޑުން ލިންކު ރޯޑް ފުރިފައި.

އިއްޔެ ހަވީރު 5:00 ޖަހާކަށް ހާއިރު ރޯވެ އަނދަންފެށި އައްޑޫ ކުނި ކޮށި އަދިވެސް ކޮންޓްރޯލް ނުވެ އަނދަމުން ދިއުމުގެ ސަބަބުން ލިންކް ރޯޑުން ދަތުރު ކުރުމަށް ހުރަސްއެޅެމުން އެބަދެއެވެ.

ގިނަ އަދަދެއްގެ ކުނި ޖަމާކޮށްފައިވާ ހިތަދޫ ކުނި ކޮށީގައި ރޯވި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރިފައިވާ އިރު އަލިފާން ނިއްވުމުގެ މަސައްކަތް އިއްޔެ ހަވީރުން ފެށިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންނާއި، އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ދަނީ ކުރަމުންނެވެ.

ލިންކް ރޯޑާއި ޖެހިގެން ހަދާފައިވާ ކުނި ކޮށިން ބޯކޮށް ދުން އަރަމުންދާތީ އެސަރަހައްދުން ދަތުރު ކުރުމަށް ވަނީ އުނދަގޫވެފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ކުނި ކޮށީގައި ރޯވެފައިވާ އަލިފާންގަނޑު ފެންޖަހައިގެން ކޮންޓްރޯލް ނުކުރެވޭނެ ކަމަށާއި، އެހެންވެ މަސައްކަތް ކުރަމުން ދަނީ ރޯވެފައިވާ ކުނި ވަކި ކުރުމަށް ކަަމަށެވެ. އަދި މިކަމަށް ބޭނުންވާ މެޝިނަރީޒް ހޯދުމަށް އެމްއާރްޑީސީ އަށް އެދިފައިވާ ކަމަށެވެ.

ހިތަދޫ ކުނި ކޮއްޓަށް ގިނަ އަދަދެއްގެ ކުނި ޖަމާކޮށްފައިވާއިރު، ރައްކާތެރި ގޮތެއްގައި ކުނި ނައްތާލެވޭނެ އިންތިޒާމެއް ގާއިމްކޮށްފައި ނުވެއެވެ. އަދި އެތަން މެނޭޖް ކުރުމަށް ދީފައިވާ މުއްދަތު ހަމަވެފައިވާއިރު މިހާރު ސަދަން މޯލްޑިވްސްއިން އެތަން ބަލަހައްޓަމުން ދަނީ ވަގުތީ އެއްބަސްވުމެއްގެ ދަށުންނެވެ.