Last Updated: April 24, 23:11
Wednesday, April 24, 2024
މުނިފޫހިފިލުވުން

ބޮކްސް އޮފީހުގެ ރެކޯޑު 'ސްޓާ ވޯސް: ދަ ފޯސް އެވޭކެންސް' މުގުރާލައިފި

އެމެރިކާގެ ބޮކްސް އޮފީހުގައި ފުރަތަމަ ދުވަހު އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމަށް ސްޓާ ވޯސް: ދަ ފޯސް އެވޭކެންސް ވެއްޖެއެވެ. މީގެ ކުރިން މިމަގާމުގައި އޮތީ މަޝްހޫރު 'ހެރީ ޕޮޓާ' ސީރީސް ގެ ފަހު ފިލްމް 'ހެރީ ޕޮޓާ އެންޑް ދަ ޑެތްލީ ހެލޯސް: ޕާޓް 2' އެވެ. 'ހެރީ ޕޮޓާ އެންޑް ދަ ޑެތްލީ ހެލޯސް: ޕާޓް 2' އަށް ފުރަތަމަ ދުވަހު ލިބިފައި ވަނީ 43މިލިއަން އެމެރިކާ ޑޮލަރެވެ.

'ސްޓާ ވޯސް: ދަ ފޯސް އެވޭކެންސް' އެއްވަނައަށް އެރީ ފުރަތަމަ ދުވަހު 57މިލިއަން އެމެރިކާ ޑޮލަރު ހޯދައިގެންނެވެ. މިއީ ގާތްގަނޑަކަށް 878 މިލިއަން ދިވެހި ރުފިޔާއެވެ.

1977 ވަނަ އަހަރުގައި ސްޓާ ވޯސް ގެ ފުރަތަމަ ފިލްމު ނިކުންމި ފަހުން އެ ފިލްމަށް ވަނީ ގިނަގުނަ ކާމިޔާބީތަކެއް ލިބިފައެވެ. އެތައް ބިލިއަން ޑޮލަރުގެ އިތުރުން ގިނަގުނަ އެވޯޑް ތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ ތަރުހީބު ލިބިފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނިކުންމި ސްޓާ ވޯސްގެ އެންމެ ފަހުގެ ފިލްމަކީ މި ސީރީސްގެ 7 ވަނަ ފިލްމެވެ.
ފިލްމުގައި ދައްކާދެނީ 'ސްޓާ ވޯސް އެޕިސޯޑް 6: ރިޓާން އޮފް ދަ ޖެޑައި' ގެ ހާދިސާގެ 30 އަހަރު ފަހުން ދައްކުވައިދޭ ހާދިސާ ތަކެކެވެ.

ސީރީސްގެ ކުރީގެ ފިލްމުތައް ހޯދި ކާމިޔާބީ ތައް މި ފިލްމުވެސް ހޯދާނެކަމަށް މިކަމާ ގުޅޭ މާހިރުން ވަނީ ބުނެފައެވެ.
ފުރަތަމަ ދުވަހު ފިލްމަށް ލިބުނު ކާމިޔާބީ އަށް ބަލާފައި އެނަލިސްޓުން ބުނާ ގޮތުގައި މިއަހަރު ނިކުތް މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޖުރޭސިކް ވޯލްޑް އަދި ޖޭމްސް ބޮންޑުގެ ފަހު ފިލްމު 'ސްޕެކްޓާ' އަށް ލިބުނު ފައިދާއަށް ވުރެ ބޮޑު ފައިދާއެއް ސްޓާ ވޯސް އަށް ލިބޭނެއެވެ.

އަންނަ އަހަރު ފަހުކޮޅުގައި ރިލީސް ކުރާ ސްޓާ ވޯސް ގެ ސްޕިން އޮފް ހާދިސާއެއްގެ މައްޗަށް ހަދާފައިވާ ފިލްމު 'ރޯގް އަން: އަ ސްޓާ ވޯސް ސްޓޯރީ' އަށް ވެސް ވަނީ ގިނަ ބަޔެއްގެ ތަރުހީބު ލިބިފައެވެ. މި ފިލްމުގެ ބައެއް މަންޒަރުތައް ވަނީ ރާއްޖޭގެ ލ. އަތޮޅުގައި ނަގާފައެވެ.