Last Updated: March 29, 13:37
Friday, March 29, 2024
ރިޕޯޓް

މޯލްޑިވިއަން އިން ފުރުސަތުގެ ބޭނުން ހިފައިގެން ރައްޔިތުން ފެލަނީ!

2015 ވަނަ އަހަރު އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއާޕޯޓުން ޖެޓް ފިއުލް ވިއްކާ އަގު އެތައް ފަހަރެއްގެ މަތިން ވަނީ ހެޔޮކޮށްފައެވެ. އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ (އެމްއޭސީއެލް) ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި އަހަރާއި ބަލާއިރު މިއަހަރު، ޖެޓް ފިއުލްގެ އަގު ވަނީ 40.76 ޕަސެންޓް ހެޔޮވެފައެވެ.

ޖެޓް ފިއުލްގެ އަގު އަހަރެއްގެ ތެރޭގައި އެތައް ފަހަރަކު ހެޔޮ ވުމުން ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ މިއަހަރުގެ ބޮޑު ޗުއްޓީ އާއި ދިމާކޮށް، ޤައުމީ އެއާލައިން 'މޯލްޑިވިއަން' އިން ޓިކެޓްތަކުގެ އަގު ހެޔޮކުރާނެ ކަމަށެވެ. އެހެން އަހަރުތަކާއި ޚިލާފަށް 'މޯލްޑިވިއަން' އިން އިޝްތިހާރު ކުރާ -/999 ފެއާގައި ޓިކެޓް ލިބޭނެ ކަމުގެ އުއްމީދުގައި ގިނަ ބަޔަކު ތިބީ ހެވިދިއްލިފައެވެ.

ނަމަވެސް ގިނަ ބަޔަކު އުއްމީދު ކުރި ގޮތާއި ޚިލާފަށް ބޮޑު ޗުއްޓީ އާއި ދިމާކޮށް ޓިކެޓުތަކުގެ އަގު މިއިން ދުވަހަކު ވެސް ނުދާ ވަރަށް މިވަނީ މައްޗަށް ޖެހިލައިފިއެވެ. ހުރިހާ ޓިކެޓް އެޖެންޓުން ވެސް ދެނީ އެއް ޖަވާބެކެވެ. އެމީހުން ބުނާގޮތުން މިވަގުތަށް ލިބެން ހުރީ ހަމައެކަނި، -/1777 ފެއާގެ ސީޓުތަކެވެ.

'މޯލްޑިވިއަން'ގެ ފަރާތުން، ސ.ގަމާއި މާލެ އާއި ދެމެދު ކުރާ ދަތުރުތަކުގެ ޓިކެޓް ވިއްކަން 4 އަގެއް ކަނޑައަޅާފައި ވެއެވެ. އެއީ -/999 ރުފިޔާ، -/1334 ރުފިޔާ ، -/1554 ރުފިޔާ އަދި -/1777 ރުފިޔާގެ ފެއާ އެކެވެ. ބޮޑު ޗުއްޓީގެ ކުރިން އަހަރުގެ އެހެން ދުވަސްތަކުގައި ޓިކެޓް ލިބުން ތަންކޮޅެއް ދަތިވިޔަސް -/1334 ރުފިޔާގެ ފެއާގައި ޓިކެޓް ގަންނަން ލިބެއެވެ.

ސްކޫލްތައް ބަންދުވެ ގިނަ ބަޔަކު ދަތުރުކުރާ ސީޒަން ފެށުމާއި އެކު މިހާރު ލިބެން ހުރީ މުޅިން ވެސް، -/1777 ރުފިޔާގެ ފެއާގެ ޓިކެޓްތަކެވެ. އެއީ ކީއްވެގެން ހެއްޔެވެ؟

'މޯލްޑިވިއަން'ގެ ޓިކެޓް އެޖެންޓަކު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނި ގޮތުގައި ކޮންމެ ފްލައިޓެއްގައި ވެސް -/999 ގެ ވަކި ޢަދަދެއްގެ ސީޓު ވިއްކާ ކަމަށެވެ. އެޖެންޓު ބުނިގޮތުގައި، އެ އަދަދު ހަމަވެއްޖެ ނަމަ ދެން ލިބޭނީ، އެއަށް ވުރެ އަގުބޮޑު ފެއާގެ ޖާގަތައް ކަމަށެވެ.

އެއީ 'މޯލްޑިވިއަން' އިން ބުނާ ދުނިޔޭގެ އެހެން އެއާލައިންތަކުން ވެސް އަމަލުކުރާ އުސޫލެވެ. އެހެން ނަމަވެސް ކޮންމެ އަގެއްގައި ޓިކެޓް ނެގި ކަމުގައި ވިޔަސް 'މޯލްޑިވިއަން'ގެ ފްލައިޓުތަކުގައި ހުރިހާ އެންމެން ވެސް ތިބެނީ އެއް ފެންވަރެއްގެ ސީޓުތަކެއްގައެވެ. ލިބެނީ ވެސް ހަމަ އެއް ފެންވަރެއްގެ ޚިދުމަތްތަކެކެވެ.

ގަން އެއާޕޯޓާއި އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު ކުރާ ދަތުރުތަކުގެ އަގު ކަމަށް އިޝްތިހާރު ކުރަމުން ގެންދާ -/999 ފެއާގެ ޓިކެޓެއް އެއްވެސް ބިދޭސީއަކަށް ނުވިއްކައެވެ. ބިދޭސީންނަށް ގަމުން މާލެއަށް ޓިކެޓް ވިއްކަނީ އެމީހުންނަށް ހާއްސަ -/3614 ރުފިޔާގެ ފެއާގައެވެ. ފްލައިޓްތައް ފުރެންދެން ފަތުރުވެރިން ގޮވައިގެން ދަތުރު ކުރިއަސް މިހާރު ވެސް 'މޯލްޑިވިއަން' ހިންގަނީ 'ގެއްލުމުގައި' ކަމަށް ވެދާނެއެވެ. މިހާތަނަށް 'މޯލްޑިވިއަން'ގެ ފަރާތުން ހާމަކޮށްފައިވަނީ އެގޮތަށެވެ. އަހަރު ދެކޮޅުގައި 'މޯލްޑިވިއަން'ގެ ފްލީޓަށް އިތުރު ފްލައިޓުތައް އިތުރުކުރުމަކީ، މުޅިން އެހެން ވާހަކައެކެވެ.

މާލެއިން ގަމަށް ދަތުރުކުރައްވާ ބޭފުޅުންނަށް ފްލައިޓުގައި ގިނައިން ފަތުރުވެރިން ތިބޭ ފަހަރުތަކާއި ވެސް ދިމާވެފައި ހުރެދާނެއެވެ. ބައެއް ފަހަރަށް މުޅި ފްލައިޓުގައި ހުސް ފަތުރުވެރިން ތިބެފައި، ފްލައިޓުން އެންމެ 6 ދިވެހިން އަންނަ ފަހަރު ވެސް ދިމާވެއެވެ. ޓިކެޓް ބާރު ބޮޑުވަނީ ވެސް ފަތުރުވެރިން ދަތުރު ކުރާ އަދަދު ގިނަ ވުމުން ކަމުގައި ޤަބޫލުކުރެވެއެވެ.

ފްލައިޓުތަކުގައި ގިނައިން ފަތުރުވެރިން ދަތުރުކުރުމަކީ 'މޯލްޑިވިއަން' އިން އިޝްތިހާރުކުރާ -/999 ފެއާގެ ޓިކެޓް ހުސްވާން ޖެހޭ ސަބަބެއް ވެސް ނޫނެވެ.

ހައިރާންވާންޖެހޭ ކަމަކީ، މާލެއިން ގަމަށް ދަތުރުކުރާ ފްލައިޓުގައި ދެތިން ދިވެހިން ތިބެފައި، މުޅިން ފަތުރުވެރިން ތިބި ކަމުގައި ވިޔަސް ދިވެހިންގެ ތެރެއިން އެންމެ މީހަކަށް ވެސް -/999 ފެއާގައި ޓިކެޓެއް ނުލިބޭ އަންނަ ކަމެވެ. އެމީހުން -/1777 ގެ ފެއާ އާއި -/1334 ގެ ފެއާ އިން އިން ޓިކެޓް ނަގަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ -/999 ރުފިޔާގެ ފެއާގައި ޓިކެޓް ވިއްކަނީ ވަކި ފްލައިޓްތަކަކަށް ހެއްޔެވެ؟

'މޯލްޑިވިއަން' ގެ ކާމިޔާބީތަކަށް ދިވެހިން ފަހުރުވެރިވާން ޖެހޭ ކަމަށާއި ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ އަގުތައް ދިވެހިން އަތްފޯރާ ފަށަށް ގެނެސްދިނީ އެ އެއާލައިނުން ކަމަށް ކުންފުނީގެ އިސްވެރިން ތަފާތު އެކި ރަސްމިއްޔާތު ތަކުގައި ފަޚުރުވެރިކަމާއި އެކު ވިދާޅުވެފައިވެއެވެ. ފަހަރެއްގައި "އަގުތައް އަތްފޯރާ ފަށަށް" ގެނައުން އާންމު ރައްޔިތުން މާނަ ކުރާ ގޮތާއި 'މޯލްޑިވިއަން' އިން މާނަ ކުރާ ގޮތް ތަފާތު ވަނީ ކަމަށް ވެދާނެއެވެ.

'މޯލްޑިވިއަން' އިން އިޝްތިހާރު ކުރަނީ 'އުދުހުން ފަސޭހަކޮށްފި' ކަމަށެވެ. ނަމަވެސް ހަގީގަތަކީ 'މޯލްޑިވިއަން އިން އުދުހުން ތުރާލަކަށް ހަދައިފައިވާ' ކަމެވެ.