Last Updated: March 29, 18:55
Friday, March 29, 2024
ރިޕޯޓް

ހަންކެޑެ ގިރަނީ، ބޭނުން ވަނީ ދާއިމީ ހައްލެއް!

އައްޑޫގެ ގިރާ ސަރަހައްދުތަކުގެ ތެރެއިން ހަންކެޑެއަކީ މިހާރު އާދަޔާހިލާފަށް ގިރުމުގެ މައްސަލަ ދިމާވެފައިވާ ތަނެކެވެ. ހާއްސަ އެ ރަށުގެ ދެކުނު ފަރާތުން ގިރާލައިގެން މޫދާއި ތާރު މަގާ ދެމެދު އޮންނަ ސަރަހައްދުން ބޮޑު ބައެއް ވަނީ ގޮސްފަ އެވެ.

މީގެ ސަބަބުން ހަންކެޑެ ލިންކް ރޯޑަށް ނުރައްކާ ވެދާނެ ކަމުގެ ނިޝާންތަކެއް ވެސް އަންނަނީ ފެންނަމުންނެވެ. ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މިހާރު ވެސް މަގަށް ދަނީ ލޮނު އަރަމުންނެވެ.

މިއަދަކީ ވެސް ހަމަ އެކަހަލަ ދުވަހެކެވެ.

އެ މަގުން ދަތުރު ކުރާ މީހުން ތިބީ މި މައްސަލަ އާ ހެދި ވަރަށް ކަންބޮޑުވެފަ އެވެ. ކަމާ ބެހޭ ފަރާތްތަކުން މިކަމަށް ދާއިމީ ހައްލެއް ހޯދައި ދޭން މަސައްކަތް ކުރާ ތަނެއް ނުފެނެ އެވެ.

ގިރައިގެން ގޮސް މަގު ހަލާކުވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ އެމްއާރްޑީސީން ދޭތެރެ ދޭތެރެ އިން ގިރާ ސަރަހައްދަށް ވެއްޔާއި ގާ ވެސް އަޅަ އެވެ.

އެކަމަކު ދުވަސްކޮޅެއް ފަހުން ގާތަކާ އެކު ވެލިގަނޑު ވެސް އޮންނަނީ ގިރާލައިފަ އެވެ.

މިއީ ހަމައެކަނި މިހާރު ހަންކެޑެ އަށް ދިމާވެފައިވާ އޮތް މައްސަލައެއް ނޫނެވެ.

ލިންކް ރޯޑުން ގުޅިފައި އޮތް ފަޅު ރަށްތަކުގެ ދެކުނު ފަރާތް ވަރަށް ބޮޑަށް ގިރާލައި، މަގާއި މޫދާ ދެމެދު ދެ ފޫޓެއްހާ ދުރުމިން ވެސް ނެތް ބައެއް ސަރަހައްދުތައް ވެސް މިހާރު އެބަ ހުއްޓެވެ.