Last Updated: April 20, 16:20
Saturday, April 20, 2024
ރިޕޯޓް

ދުވާކަލަކު 8،000 ކިނބިހި އަޅާ ކުއްޖެއް!

ދުވާލެއްގެ މައްޗަށް 8،000 ކިނބި އަޅަން ޖެހި ޒުވާން އަންހެން ކުއްޖެއްގެ ދިރިއުޅުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މި ކުއްޖާއަކީ އިނގިރޭސިވިލާތުގައި ދިރިއުޅޭ އިންޑިއާ އަށް ނިސްބަތްވާ އީރާ ސަކްސޭނާ އެވެ.

އޭނާގެ މަންމަ ޕްރިޔާ ބުނި ގޮތުގައި އާދަޔާހިލާފަށް ގިނައިން ކިނބިހި އެޅުމުގެ މައްސަލަ ދަރިފުޅަށް ދިމާވާން ފެށީ މީގެ ތިން ހަފުތާ ކުރިންނެވެ.

އެހެންވެ ތަފާތު އެތައް ޑޮކްޓަރުންނަށް ދައްކައިގެން ވެސް ކިނބި އެޅުމަށް ހުއްޓުމެއް ގެނެވޭ ގޮތެއް ނުވެ އެވެ. މިކަމާ ހެދި އީރާގެ އާންމު ދިރިއުޅުމަށް ވެސް ބުރޫ އަރައި، އޭނާ އަށް ވަނީ ސްކޫލަށް ދާން ވެސް ހުރަހަކަށްވެފަ އެވެ.

ޕްރިޔާ ބުނި ގޮތުގައި ދުވާލެއްގެ މައްޗަށް ދަރިފުޅު 8،000 ފަހަރު ކިނބިހި އަޅާ އިރު، މިނިޓެއްގެ ތެރޭގައި 10 ފަހަރު ކިނބިހި އެޅޭ ފަހަރު ވެސް އާދެ އެވެ.

"މިކަމުގެ ސަބަބުން ދަރިފުޅުގެ އާންމު ދިރިއުޅުން ވަނީ ހަރާބުވެފައި. މިއީ ކިހިނެއްވެގެން ދިމާވެގެން އުޅޭ ކަމެއްތޯ މިހާތަނަށް ޑޮކްޓަރުންނަށް ހޯދިފައެއް ނެތް. އީރާ ބެލި ގިނަ ޑޮކްޓަރުން ވެސް ބުނަނީ އޭނާގެ ކިބައިގައި އާދަޔާހިލާފު އެހެން ބައްޔެއް ނެތް ކަމަށް"، ޑެއިލީ މެއިލް އަށް ދިން އިންޓަވިއުއެއްގައި ޕްރިޔާ ބުންޏެވެ.

އޭނާ ބުނީ ދަރިފުޅަށް ހަމަނޭވާލާ ވަގުތެއް ކޮޅެއް ލިބެނީ ނިދުމުން އެކަނި ކަމަށެވެ.

"ނަސީބަކުން ނިދާފައި އޮންނަ އިރު މިކަމެއް ކުރިމައްޗެއް ނުވޭ. އެއީ މި ވަގުތަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ،" ޕްރިޔާ ބުންޏެވެ. "ބައެއް ފަހަރު ކިނބިހި އަޅައި އަޅައި ވަރުބަލިވެގެން ވެސް ދަރިފުޅަށް ނިދޭ."

އެހެން ނަމަވެސް ނިދާފައި ހޭލާ ގޮތަށް އީރާ އަށް ދެން މުޅި ހަތަރުދަމު އުޅެން ޖެހެނީ ކިނބިހި އެޅުމުގަ އެވެ.

ޕްރިޔާ ބުނީ އާދަޔާހިލާފަށް ދަރިފުޅު ކިނބިހި އަޅަން ފެށި ފަހުން މިވީ މުއްދަތުގެ ތެރޭގައި ކިނބިއްސެއް ނާޅައި ދިޔައީ އެންމެ 25 ވަރަކަށް މިނިޓް ކަމަށެވެ.