Last Updated: April 25, 22:40
Thursday, April 25, 2024
ކުޅިވަރު

އެފްއޭ ކަޕަށް ބޮޑު ބަދަލެއް ގެނެސްފި

އެމިރޭޓްސް އެފް އޭ ކަޕަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

މުބާރާތުގެ ފަހު ސްޓޭޖުތަކުގައި ފުރިހަމަ 90 މިނެޓު ތެރޭ ނަތީޖާ ހަމަހަމަ ވެއްޖެނަމަ އިތުރުވަގުތުގެ ދެހާފު ކުޅޭ އިރު ކޮންމެ ޓީމަކަށްވެސް ތިން ބަދަލު ހަމަވެފައިވާނަމަ އިތުރު އެއް ބަދަލު ގެނެވޭ ގޮތަށް އިނގިރޭސި އެފް އޭ އިން ވަނީ އާ ގަވާއިދެއް އުފައްދާފައެވެ.

ގަވާއިދުގައި ވާގޮތުން ކޮންމެ ޓީމަކަށްވެސް މެޗު ތެރޭގައި ގެނެވޭނީ އެންމެ ގިނަވެގެން ތިން ބަދަލެވެ. ނަމަވެސް މިގަވާއިދަށް ފަހު އެފްއޭ ކަޕުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހިއްޖެނަމަ ތިން ބަދަލު ގެނެސްފައިވާނަމަ އިތުރު އެއް ބަދަލު ގެންނަން ކޮންމެ ޓީމަކަށްވެސް ފުރުސަތު ލިބެއެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ގޮތުގައި 90 މިނެޓު ކުޅޭއިރު އެވަގުތުގެ ތެރޭގައި އެއްވެސް ޓީމަކަށް މޮޅެއް ނުލިބި އިތުރު 15 މިނެޓުގެ ދެހާފު ކުޅޭއިރު އެވަގުތު ތެރޭގައި ކުޅުންތެރިޔަކަށް ދެން އިތުރަށް މެޗު ކުރިއަށް ނުގެންދެވޭ ހާލަތަށް ދިއުމުން ވަރަށް ގިނަފަހަރަށް މެނޭޖަރުންނަށް ގޮތް ހުސްވާ ހާލަތު ދިމާވެއެވެ.

ކުއާޓާ ފައިނަލާއި ހިސާބަށް ދަތުރުކޮށް ނުވަތަ އެއަށްވުރެ ދުރަށްގޮސް މުބާރާތް ކާމިޔާބުކުރުމަކީ ކޮންމެ ކޯޗެއްގެވެސް އެންމެ ބޮޑު ވިސްނުމެވެ. އެހެންކަމުން ގިނަފަހަރަށް މެޗުގެ 90 މިނެޓާ ކައިރިވާއިރު ލަނޑެއް ޖެހުމަށް ފަހު ބަދަލު ގެނެއެވެ. ދެބަދަލު އޮތް ނަމަ ގިނަ ކޯޗުން ދެބަދަލު އެއްފަހަރާވެސް ގެނެއެވެ.

މިފަދަ ގޮތަކަށް މެޗު ކުޅޭއިރު އިތުރު ވަގުތަށްގޮސް ކުޅުންތެރިޔަކަށް އަނިޔާވުމުން އެޓީމު އެއްކުޅުންތެރިޔަކު މަދުކޮށް ކުޅުމުން އަނެއް ޓީީމަށް ލިބޭ ނުހައްގު އެޑްވާންްޓޭޖުން ސަލާމަތްކުރުމަށް ގެނައި ބަދަލެއް ކަމުގައި މުބާރާޓުގެ ޗީފް އެގްސެކެޓިވް ވަނީ ބުނެފައެވެ.