Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

އަހަރުމެން ބޭނުން ވަނީ އުފަލާއި މަޖާ

ޤައުމުގައި މައްސަލަ ހުރި ކަމުގެ ވާހަކަ އަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ޖުމްލަ ގޮތެއްގައި ޤަބޫލުކުރާ ވާހަކައެކެވެ.

ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ހުރި މައްސަލަތަކާއި އަދި "މިނިވަން" ބޯޑު އަޅުވާފައިވާ އެކި މުއައްސަސާތަކުގައި ވެސް މައްސަލަ ތައް ހުރި ކަމަށް ހުރިހާ ކުލައެއްގެ ރައްޔިތުން ވެސް ޤަބޫލުކުރެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތައް ހަނިކުރަމުން ގެންދާ އިރު ގިނަ ރައްޔިތުންނަށް އެކަމެއް ނޭނގެއެވެ. ނުވަތަ އެނގޭކަށް ބޭނުމެއް ވެސް ނުވަނީއެވެ. ގިނަ ރައްޔިތުންނަށް އެނގޭ ގޮތުގައި މަޖިލީހުން މިހާރު ފާސްކުރުމަށް މަސައްކަތް ކުރަމުންދާ "އަބުރު ރައްކާތެރިކުރުމުގެ ގާނޫނު" ގެ ބިލް އެއީ ނޫސްވެރިންނަށް އަމާޒުކޮށްގެން ފަރުމާ ކޮށްފައިވާ އެއްޗެކެވެ. އެއީ ނޫސްވެރިން "ހަމަ މަގަށް" އެޅުވުމަށް ކުރެވޭ މަސައްކަތެކެވެ.

އެހެން ނަމަވެސް ކަމުގެ ހަގީގަތަކީ މިއީއެވެ. މަޖިލީހުގައި މިވަގުތު އޮތް ބިލް ފާސްވެއްޖެނަމަ ނޫސްވެރިއެކޭ އެއްފަދައިން އާންމު ރައްޔިތުންނަށް ވެސް ގެއްލުމާއި ނުރައްކާ ކުރިމަތި ވާނެއެވެ. ޤާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އެއްކޮށް ހަނިވެގެންދާނެއެވެ.

27

ރައްޔިތުންނަށް ޤާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤުތައް ހަނިކުރަމުން ދާއިރު، އެ ޤާނޫނުތައް ފާސްކުރައްވަން މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ޙައްޤުތައް އިތުރުވެގެން ދަނީއެވެ. މަޖިލީހުގެ ކޮންމެ މެންބަރަކަށް ކާރެއް ދެއްވާ ވާހަކަ އާއި، އެބޭފުޅުންގެ މެޑިކަލް އިންޝިއުރެންްސް އިތުރުކުރާ ވާހަކައެވެ. ނުވަތަ ކޮންމެވެސް އެލަވެންސެއް ނުވަތަ އެބޭފުޅުންގެ ސެކިއުރިޓީ ވަރުގަދަ ކުރާ ވާހަކައެވެ.

މިއީ ދައްކަން އެހާ 'ރައްކާތެރި' ވާހަކައެއް ކަމަށް ފަހަރެއްގައި ނުވެދާނެއެވެ. ނަމަވެސް ދިވެހި ރައްޔިތުންގެ މުދަލުން 1.2 ބިލިއަން ރުފިޔާގެ ބޮޑު ވައްކަމެއް މިވަނީ ކޮށްފައެވެ. ދިވެހިރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ޤާނޫނު ފާސްކޮށްފިއެވެ.

ފުލުފުލުގައި ޖަލު ޙުކުމްތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ ސިޔާސީ ލީޑަރުންގެ ޙައްޤުގައި ވާހަކަ ދައްކައިފި ނަމަ އެއީ ޝަރުޢީ ދާއިރާގެ އަގުވައްޓާލަން މަސައްކަތް ކުރާ މީހެކެވެ. ޝަރުޢީ ދާއިރާގައި ހުރި މައްސަލަތައް އެނގޭ މީހާ ވެސް، ތިމާއަށް ލިބޭ މަންފާއަކަށްޓަކައި އެވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ. އެވާހަކަ ދައްކަން ފަށަނީ އަމިއްލަ އަށް ނުވަތަ ތިމާގެ މީހަކު އެކަން ތަޖުރިބާ ކުރަން ޖެހޭ ހިސާބުންނެވެ.

ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިއަދު ތިބީ ޣާފިލްކަމުގައި ގަދަ ނިދީގައެވެ. ރައްޔިތުން ބޭނުންވަނީ އުފަލާއި މަޖާ ކުރާށެވެ.
ހަގީގީ މައްސަލަތައް ޙައްލުކުރަން ބޭނުމެއް ނުވެއެވެ. އެހެން ކަމަށް ވެއްޖެ ނަމަ ރަގަޅުވާނީ ކޮންކަމެއް ހެއްޔެވެ؟

މިނިވަން ދުވަހާއި ދިމާކޮށް، ހިންދީ ޑްރާމާ ކުޅޭ އަންހެނަކު ގެނައުމުން އެތައް ބަޔަކު ޖަމާވީ ސެލްފީ ނަގާށެވެ. ވެރިރަށް މާލޭގެ މަގުތަކުގައި ކާޓޫނު ކެރެކްޓާތައް ހިމެނޭ ފުޅަނދު ބުރެއް ބޭއްވުމުން އެމަންޒަރު ބަލަން ރައްޔިތުން ނިކުތީއެވެ. ފަރަންޖީ އަކު ގެންނަ އިރަށް އެތަނަށް ޖަމާވާ ރައްޔިތުންގެ އަދަދުންނެވެ. އެންމެ ސެލްފީ އެއް ނެގުމަށް ދެތިން ގަޑިއިރު ކޮޅަށް ތިބެން ވަރިހަމަ ރައްޔިތު މީހާއަށް

ހިންދީ ސިލްސިލާއެއްގައި އުޅޭ އަންހެނަކަށް ވެސް ލިބޭކަން، އަންގާރަދުވަހު "ރަސްފަންނު" އަށް އެއްވި މީހުންގެ އަދަދުން އެ ސާބިތުވީ އެވެ.

ގައުމުގެ އަދުގެ ހާލަތަށް ބަލާއިރު ޓްވީޓެއްކޮސްގެން، ފޭސްބުކްގައި ލިޔާ ލިޔުމަކުން މިދަނީ ކުށްވެރިވަމުންނެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވެ، ﷲ ދުޢާ ކުރުން މިވަނީ މިގައުމުގެ އެންމެ ބޮޑު ކުށައް ވެފައެވެ. ދެތިން މީހަކަށް އެއްތަނަކަށް އެއްވެލިއަސް ފުލުހުން ނިކުމެ ރޫޅާލަނީއެވެ.

މިހުރިހާކަމެއް މިހެން އޮތަސް، ވަކި ބަޔަކު ބޭނުންވީމާ ދިވެހިން ވާވައްދައިގެން ކުޅިވަރާއި މަޖަލުގެ ކަނޑަށް ގަންބާލައެވެ. ފަހަރުގައި މިއީ ދިވެހިން ބޭނުންވާ ގޮތެވެ. ދިވެހިން ބޭނުންވަނީ އުފަލާއި މަޖާކުރުމަށެވެ. ނަމަވެސް އުފަލާއި މަޖާ ކުރެވެނީ މަދު ހިދުކޮޅަކަށް ކަމަށް ވިންސާލީ ކިތައް ރައްޔިތުން ހެއްޔެވެ؟