Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ސަލަފްގެ ފާޑު މިނިވަން ދުވަހުގެ ފުޅަނދު ބުރަށް

ޖައްމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ މުޙައްމަދު (ވ) ދެވަނައަށް.

މިނިވަންދުވަހުގެ ރަސްމީ ޙަރަކާތްތަކުގެ ތެރެއިން ސަރުކާރުން އިންތިޒާމުކުރި ފުޅަނދުބުރަށް ޖައްމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ މުޙައްމަދު ފާޑު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހާއި ގުޅުވައިގެން ރޭ މާލޭގެ މަގުތަކުގައި ބޭއްވި ފުޅަނދުބުރުގެ މަންޒަރު ޓީވީ އިން ލައިވްކޮށް ދައްކަމުން ދަނިކޮށް ނަގާފައިފާ ފޮޓޯއަކާއެކު ކުރެއްވި ޓުވީޓެއްގައި އައްޝައިޚް ޢަބްދުﷲ މުޙައްމަދު ވިދާޅުވެފައި ވަނީ އެއްކޮޅުން މަގުމަތީގައި ފާޙިޝްކަންކަން ހާމަކުރަމުން ދާއިރު އަނެއްކޮޅުން ޤައުމީ ޓީވީން (އެކަން) ލައިވްކުރަމުން ދިއުމަކީ މުންކަރާތެއް ކަމަށެވެ.

ސަލަފް ޖަމިއްޔާ އުފެދިގެން އައި ދުވަސް ވަރު އެ ޖަމިއްޔާގެ ފަރާތުން އެއިރެއްގައި އޮންނަ ސަރުކާރަކުން ދީނާއި ޚިލާފް ކަމެއް ކޮށްފިނަމަ އެކަމަށް ފާޑުކިޔުން އަމާޒުކޮށްފައިވެއެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އާއި ރައީސް ނަޝީދުގެ ވެރިކަމުގައި ކުރި ބައެއް ކަންތައްތަކާއި ބެހޭގޮތުން އެ ޖަމިއްޔާއިން ނުރުހުން ފާޅުކޮށް އަދި މުޒާހަރާ ވެސް ކޮށްފައިވެއެވެ . އެހެން ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރި އެއްވެސް ކަމަކާއި ގުޅޭގޮތުން ރަސްމީ ސިފައެއްގައި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވާކަން ފާހަގަކޮށްލެވެއެވެ.

އިސްލާމްދީނާއި ރާއްޖޭގެ ސަގާފަތާ ނުގުޅޭ ކަންކަން ފުޅަނދުބުރުގައި ހިމެނި މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވި ނަމަވެސް އެކަމާއި ގުޅޭ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.