Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

މައުމޫން ޝަރުއީ ދާއިރާ އަށް ފާޑު ކިޔަަނީތަ؟

ވެރިކަންކުރާ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޕްރައިމަރީ އަކާއި ނުލައި ދިނުމަށް ނިންމި މައްސަލަ ބޮޑުވެ އެ ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާ އިރު، ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވަނީ ޕާޓީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ކަންތައް ކުރައްވާނެ ގޮތަކަށެވެ.

ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ މައްސަލަތް މަޝްވަރާކޮށްގެން މައްސަލަ ޙައްލުކުރެވޭނެ ކަމަށް މައުމޫން އަށް ތާޢީދު ކުރައްވާ ބޭފުޅުންނާއި އަދި ރައީސް އަބްދުﷲ ޔާމީން އަށް ތާޢީދުކުރައްވާ ބޭފުޅުން ވެސް ވިދާޅުވެއެވެ. އެހެން ނަމަވެސް ފެންނަ މަންޒަރުތަކަށް ބަލާއިރު ރައީސް ޔާމީން އަދި މައުމޫން ވެސް ދޫދެއްވަފާނެ ހެނެއް ހިއެއް ނުވެއެވެ.

ދާދި ފަހުން ސަރުކާރުން މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަފްލާ ރައީސް މައުމޫން ބޮއިކޮޓް ކުރެއްވުން ވެގެން ދިޔައީ، ޕީޕީއެމްގެ ތެރޭގައި އުފެދިފައި އޮތް މައްސަލައިގެ ސީރިއަސް ކަން ހާމަވެގެންދާ ކަމެއް ކަމުގައި ސިޔާސީ ގިނަ ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ. އަދި މިނިވަން ދުވަހުގެ ޖަލްސާ މައުމޫން ބޮއިކޮޓް ކުރެއްވުމުން އިދިކޮޅު ފަރާތްތަކުން ވެސް ވަނީ މައުމޫން އަށް ތައުރީފްކޮށްފައެވެ.

ޕީޕީއެމްގެ ތެރެއިން އެޕާޓީގެ މަޖިލިސް މެންބަރުން ކެނޑިނޭޅި ބަހުގެ ހަމަލާތަކަށް ރައީސް މައުމޫން އަށް ދެއްވަމުން ގެންދަވާއިރު އޭގެ ރައްދުގައި މައުމޫން އެއްޗެކޭ ވިދާޅުވާނެ ވަގުތަކަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދަނިކޮށް ރާއްޖޭގެ މިހާރުގެ ޙާލަތާއި ގުޅޭ ޓްވީޓެއް މައުމޫން މިވަނީ ކުރައްވާފައެވެ.

އިއްޔެ ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވަނީ ކީރިތި ޤުރުއާނުގެ އައްނިސާ ސޫރަތުގެ 58 ވަނަ އާޔަތުގެ މާނައެވެ.

އެ އާޔަތުގެ މާނައިގައި ވަނީ " ހަމަކަށަވަރުން، އަމާނާތްތައް، އޭގެ އަހުލުވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމް ކުރާނަމަ، ޢަދުލު އަށް ޙުކުމް ކުރުމަށްވެސް، އަމުރު ކުރައްވަތެވެ. ހަމަކަށަވަރުން، اللَّه އެކަމަކާމެދު، ތިޔަބައިމީހުންނަށް ވަޢުޟު އިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ."

ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ހުރި މައްސަލަތަކުގެ ވާހަކަ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދައްކަމުން ގެންދާ ދަނޑިވަޅެއްގައި، ޢަދުލު ވެރިކަމާޢި އެކު ޙުކުމް ކުރުމަށް ގޮވާލައި ކީރިތި ޤުރުއާނުގައި އައިސްފައިވާ އާޔަތެއް މައުމޫން ޝެއާކުރެއްވީ ޝަރުޢީ ދާއިރާއަށް ނުސީދާ ގޮތެއްގައި ފާޑުވިދާޅުވުމަށް ކަމަށް ބެލުމުގެ ފުރުސަތު ކުޑައެކޭ ނުދެންނެވޭނެއެވެ.

ސަބަބަކީ، މައުމޫން ސިވިލް ކޯޓަށް ހާޒިރުވުމަށް އަންގައި، ޗިޓް ފޮނުވާފައި ވުމެވެ. އަދި ކޯޓު މެދުވެރިކޮށް ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ މައްސަލަ ޙައްލުކުރުމުގެ ވިސްނުން އެޕާޓީގެ ބައެއް މަޖިލިސް މެންބަރުން ގެންގުޅުއްވުމަކީ ވެސް މައުމޫންގެ ފާޑުވިދާޅުވުން ޝަރުޢީ ދާއިރާއަށް އަމާޒުވާނެ ސަބަބެއް ކަމުގައި ބެލެވެއެވެ.

މީގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ ޖަލަށް ލެވުނު މައްސަލަ އާއި ގުޅިގެން ވެސް ރައީސް މައުމޫން ނުރުހުން ފާޅުކުރައްވައި ވާހަކަ ދައްކަވާފައިވާ ކަމަށް ވެއެވެ.

ދެން އުފެދޭ ސުވާލަކީ، ޝަރުޢީ ދާއިރާއަށް އަމާޒުކޮށް ނުސީދާގޮތެއްގައި ފާޑު ވިދާޅުވުމުން، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. އިޔާޒް މިއަދު ފުުލުސް އޮފީހަށް ހާޒިރު ކުރި ފަދައިން މައުމޫން ފުލުހަށް ހާޒިރުކޮށްފާނެ ހެއްޔެވެ؟