Last Updated: March 29, 06:30
Friday, March 29, 2024
ކުޅިވަރު

ޝްވެއިންސްޓައިގާ ގައުމީ ފުޓުބޯޅައިން ރިޓަޔާކޮށްފި

ދުނިޔޭގެ ޗެމްޕިއަން، ޖަރުމަނުގެ ކެޕްޓަން ބަސްޓިއަން ޝްވެއިންސްޓެއިގާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. 31 އަހަރުގެ މިޑްފީލްޑަރު، ޝްވީނީ ރިޓަޔާ ކުރިކަން އަންގާފައިވަނީ މިއަދު އޭނާގެ ސޯޝަލް މީޑިޔާ އެކައުންޓުތައް މެދުވެރިކޮށެވެ.

ޖުމުލަ 120 މެޗު ގައުމީ ޓީމަށް ކުޅެދީފައިވާ ޝްވެއިންސްޓެއިގާ ވަނީ މިދިޔަ ވޯލްޑު ކަޕު ކާމިޔާބުކުރުމަށް ޖަރުމަނަށް ބޮޑު އެހީއެއް ވެދީފައެވެ.

ޖޮޚިމް ލޯ ގެ ޖަރުމަނު ޓީމަށް ޝްްވެއިންސްޓެއިގާ ކުޅުނު ފަހު މެޗުން ޖަރުމަނު ވަނީ ފްރާންސާއި ދެކޮޅަށް ކުޅެ ބަލިވެފައެވެ. ނިމިގެން ދިޔަ ޔޫރޯ މުބާރާތް ކާމިޔާބުކުރުމަށް ބުރަ މަސައްކަތެއް އޭނާ ކުރި ނަމަވެސް އެކަން ކާމިޔާބު ނުކުރެވުނު ކަމަށާއި އެކަން ޤަބޫލު ކުރާކަމަށް ޝްވެއިންސްޓެއިގާގެ ރިޓަޔާމެންޓު ސިޓީގައި ލިޔެފައިވެއެވެ.

"ވޯލްޑް ކަޕް 2014 ކާމިޔާބުކުރެވުމަކީ އަހަރެން އަބަދުވެސް ދެކެމުން އައި ހުވަފެނެއް. އެއީ އަހަރެންގެ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ. އެއީ އަހަންނަށް ދެން ލިބޭނެ ޝަރަފެއް ނޫން. އެހެންކަމުން މިވަގުތު ކުރަން ޖެހިފައިވާ ކަމަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީ އަހަރެން ގައުމީ ޓީމާ ދުރުވެލަން. އަހަރެންގެ ހިތް އަބަދުވެސް އޮންނާނީ ގައުމީ ޓީމާއެކު." ޝްވީނީ އިތުރުކޮށްފައިވެއެވެ.

ސިޓީ ނިންމާލާފައިވަނީ ސަޕޯޓަރުންނަށާއި ޓީމު އަދި ޖަރުމަނުގެ ފުޓުބޯޅަ އިދާރާއަށް ޝުކުރު އަދާކުރަމުންނެވެ. ޝްވެއިންސްޓެއިގާ އަކީ އެންމެ ގިނަ ޔޫރޯ އަދި ވޯލްޑް ކަޕު މެޗުތައް ކުޅެފައިވާ ކުޅުންތެރިޔާވެސްމެއެވެ. އޭނާ ކެރިއަރު ނިންމާލާފައިވަނީ ޖަރުމަނުގެ ތާރީޚުން ތަރިއެއްގެ ޖާގަ ހޯދައިގެންނެވެ.