Last Updated: April 16, 23:13
Tuesday, April 16, 2024
ސިޔާސީ

"ބަލާވެރިކަން" ނިންމޭނީ ހިތްވަރާ އެކު ނިކުމެގެން: ސޯބެ

މިއަދު ރާއްޖޭގައި މިއޮތް ޚުދްމުޚްތާރް، 'ބަލާވެރިކަން' ނިންމޭނީ ހިތްވަރާއި އެކު ވަރުގަދަ އަޒުމަކާއި އެކު ނިކުމެގެން ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިޤް (ސޯބެ) ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޔުނިއިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ފަރާތުން އިންތިޒާމްކޮށްގެން ރޭ ފޭދޫގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ލިބެންވާ ޙައްޤުތަކާއި ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަންޖެހޭ ގޮތް ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްދީފައިވާ ކަމަށެވެ.

"ޚިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމާއި، ސިޔާސީ ހަރަކާތް ބޭއްވުމާއި، ނޫސްވެރިކަމަކީ ޤާނޫނު އަސާސީ އިން ވަރަށް ފުރިހަމައަށް އެއްވެސް ހަނި ދާއިރާއެއް ނެތި ލިބިދީފައިވާ ކަންތައް. މިކަންތައް ނިގުޅައިގަންނާތީ. މިކަންކަން ނަގައިގެން ރައްޔިތުންގެ ޙައްޤުތައް ހަނިކުރަން މަސައްކަތް ކުރާތީ، އެސަބަބަށް ޓަކައި އަޅުގަނޑުމެން ނިކުމެ މި ސަރުކާރު ވައްޓާލަން ޖެހެނީ،" ސޯބެ ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސޯބެގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ އެހެން ކައުންސިލަރުން ވެސް ވަނީ ކައުންސިލް ހިންގުމަށް ކުރިމަތިވެފައިވާ ދުއްތުރާތަކާއި 'ބަލާވެރިކަން' ފާހަގަކޮށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ދާދި ފަހުން އައްޑޫގައި ޒަކާތު ފައިސާ ބެހުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ކަންތައް ކުރެއްވި ގޮތަށް ފާޑުވިދާޅުވަމުން ސޯބެ ވަނީ، ޒަކާތް ޙައްޤުވެރިންނަށް ޒަކާތް ނުލިބުމަކީ އެއީ ދީނަށްޓަކައި ޤައުމަށްޓަކައި އައި ސަރުކާރުން ރައްޔިތުންނަށް ދެއްވި ހަދިޔާއެއްތޯ ސުވާލު އުފައްދައިފަ އެވެ.