Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

މުންކަރާތްތަކަށް އަރާ ނަމަ ކޯފާ އާންމު ވެދާނެ: އިލްޔާސް

އުފާ ފާޅު ކުރުމުގެ ނަމުގައި މުންކަރާތްތަކަށް އަރައިގަތުމަކީ އިލާހީ ކޯފާ އާންމު ވެދާނެ ކަމެއް ކަމަށާއި އެފަދަ ކަންތައްތަކުން ދުރުހެލިވެ ތިބުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އިލްޔާސް ޙުސައިން ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފި އެވެ.

ޝެއިޚް އިލްޔާސް މިފަދައިން ގޮވާލައްވާފައި ވަނީ ފޭސްބުކް މެދުވެރިކުރައްވައި އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގަ އެވެ.

ޝެއިޚް އިލްޔާސް ވިދާޅުވީ، މިނިވަންކަމަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވި ވަރަށް ބޮޑު ނިޢުމަތެއް ކަމަށާއި އެފަދަ ނިޢުމަތެއް ލިބުނީތީ އަޅުގަނޑުމެން އުފާފާޅުކޮށް ﷲއަށް ޝުކުރުވެރިވުން ވެސް ޙައްޤުވެގެންވާ ކަމަށެވެ.

އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، އެފަދަ މަތިވެރި ނިޢުމަތެއް ލިބުނީތީވެ އަޅުގަނޑުމެން އުފާފާޅުކުރަމުން ދިޔައިރު ﷲ ނަޙީކުރައްވާފައިވާ ބޮޑެތި މުންކަރާތެއް ކުރަމުން ދިޔަތަން ކަމަށް ވެސް ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.

"އަދި މިކަންތައްތައް މަނާކުރަން ތިބި ބަޔަކު މިފަދަ ކަންތައް ތަކުގައި ބައިވެރިވާ ކަމުގައިވަނީ ނަމަ. އެފަދަ ބައެއްގެ މައްޗަށް ﷲގެ ކޯފާ އާންމުވެގެން އައުމަކީ އެކަށީގެންވާ ކަމެއް." ޝެއިޚް އިލްޔާސް ވިދާޅުވި އެވެ.

ޝެއިޚް އިލްޔާސްގެ މެސެޖްގައި މުޖްތަމަޢްގެ ސަލާމަތްކަން ބޭނުންވާ ކަމަށް ވަނީ ނަމަ އަޅުގަނޑުމެންގެ މައްޗަށް ލާޒިމްވެގެން ވަނީ މުންކަރާތްތައް މަނާކުރާ ބައެއް ކަމުގައި ވުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މުންކަރާތްތައް ހުއްޓުވުމަށް ޢިލްމުވެރިންގެ ވާޖިބެއް ވެސް އޮތް ކަމަށާއި އެއީ މުންކަރާތްތަކާއި މެދުގައި ވާހަކަ ދައްކައި މުންކަރާތެއް ކަން އަޅުގަނޑުމެންގެ ރައްޔިތުންނަށް ހާމަކޮށްދިނުން ކަން ޝެއިޚް އިލްޔާސް ވަނީ ފާހަގަކުރައްވާފަ އެވެ.