Last Updated: April 25, 18:10
Thursday, April 25, 2024
މުނިފޫހިފިލުވުން

"1962 ތެނަދޫ" ހުއްޓާލައިފި

1962 ވަނަ އަހަރު ގދ.ތިނަދޫގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ޖަރީމާތަކާ ގުޅިގެން އަހުމަދު ޒަރީރު ލިޔުނު ސްކްރީން ޕްލޭ އަކަށް ހަދަންފެށި ފިލްމު، "1962 ތެނަދޫ" ގެ މަސައްކަތް، ފާސްކުރެވުނު އަބުރުގެ ބިލުގެ ސަބަބުން ޑައިރެކްޓަރު އަބްދުލް ފައްތާހު ހުއްޓާލައިފިއެވެ.

މި ފިލްމުގެ ޑައިރެކްޓަރު އަބްދުލް ފައްތާހު ބުނީ، މި ބިލް ފާސް ކުރުމުގެ ކުރިންވެސް ހޯމް މިނިސްޓްރީއިން ވަނީ ފިލްމުގެ މަސައްކަތް ހުއްޓުމަށް އަންގާފައެވެ.

"އެ ބުނާ އަބުރުގެ ބިލެއް ފާސް ކުރުމުގެ ކުރިން ވެސް މި ޕްރޮޖެކްޓް އޮތީ ހުއްޓުވާލާފައި. ދެން އެ ބިލް ތަސްދީގުކޮށް ގާނޫނަކަށް ވެގެން ދިއުމާ އެކު މި ޕްރޮޖެކްޓަކަށް ވާނެ ގޮތަކާ ދޭތެރޭ އެއްޗެއް ދަންނަވަން ވަރަށް ދަތި، މީގެ ކުރިންވެސް އަޅުގަނޑަކީ ކޯޓަށް ދާން ޖެހިފައި ހުރި މީހެއް. ބިލަށް ފަހު ކޯޓަށް ދާން ނުޖެހޭނެ ކަމާމެދު ޔަގީން ކަމެއް ނެތް" ފައްތާހު ބުނެފައިވެއެވެ.

މީގެ އިތުރުން މިބިލަކީ ފިލްމީ ދާއިރާއަށް ކުރިމަތިކުރުވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށްވެސް ފައްތާހުވަނީ ފާހަގަކޮށްފައެވެ. ބިލަށް ފަހު ހަގީގީ ހާދިސާއެއްގެ މައްޗަށް ފިލްމެއް ނެހެދޭނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ފިލްމީ ދާއިރާގެ އިތުރުން ކުރެހުމާއި، އެނިމޭޝަން ފަދަ ކްރިއޭޓިވް އެއްވެސް މަސައްކަތަކަށް މިގައުމުގައި ޖާގައެއް ނެތް ކަމަށްވެސް ފައްތާހު ވަނީ އަލިއަޅުވާފައެވެ. އަދި މިއީ މި ދާއިރާ ކުރިއަރަމުން ދަނިކޮށް ފަހަތަށް ސޮއްސުވާލި ބިލެއް ކަމަށް އޭނާ ބުންޏެވެ.

ބިލް ފާސްކުރުމަށް މަޖިލީހުގައި ތިބި ފިލްމީ ދާއިރާއަށް ނިސްބަތްވާ މެމްބަރުންނަށް ފައްތާހު ވަނީ ފާޑު ކިޔާފައެވެ. "ބޮޑަށް ގަބޫލުކުރެވެނީ ނޭނގިގެން ތިބެ ކުރި ކަމަކަށް ވުރެ ބޮޑަށް ގަސްތުގައި ހަމަ މި ދާއިރާ ނައްތާލަން، ފިލްމީ ދާއިރާ މަރާލަންކޮށްފައި އޮތް ކަމެކޭ،"

މިއަދު އެގޮތަށް ކަން ކުރި ނަމަވެސް ފަހުން އެބޭފުޅުންނަށްވެސް ބިލުގެ ސަބަބުން ބުރަ އުފުލަން ޖެހިދާނެ ކަމަށްވެސް ފައްތާހު ވަނީ ބުނެފައެވެ.

މިބިލުގެ ސަބަބުން ދިވެހި ޒުވާނުންނަށް އެކިއެކި އާޓުގެ މަސައްކަތް ކުރުމަށް ވަރަށް ބޮޑު ގޮންޖެހުން ތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.