Last Updated: March 29, 17:30
Friday, March 29, 2024
ރިޕޯޓް

އައިބީ އަށް ދެން ކެޕްޓަން އިހްސާނާ ބައްދަލު ކުރެވޭނެތަ؟

ކެޕްޓަން އިޙްސާން އަލީ. ފޮޓޯ: ސަން

ސިފައިން ސިޔާސީ ފަރާތްތަކާ ބައްދަލު ކުރުން މަނާ ކުރިކަން އެންގުމާ އެކު އަނެއްކާ ވެސް މިއީ ގިނަ ބައެއްގެ ފާޑު ކިއުންތައް އަމާޒުވި ކަމަކަށްވެއްޖެ އެވެ.

އެމްއެމްޑީއެފުން ބުނީ ސިފައިންގެ މީހަކު، ސިފައިންގެ އިސްވެރިއެއްގެ ހުއްދަ ނެތި، ދައުލަތުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލިސްގެ މެންބަރުންނާއި، ގާނޫނަކުން ކަނޑައަޅާފައިވާ އިންތިހާބެއްގައި ބައިވެރިވާ ކެނޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކުގެ ވެރިންނާއި، އެކްޓިވިސްޓުންނާއި، ޑިޕްލޮމެޓުންނާއި، ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުގެ ބޭފުޅުންނާއި، މިނޫނަސް ރާއްޖޭން ބޭރުގެ ފަރާތްތަކާއި ބައްދަލުކުރުމާއި އެފަދަ ފަރާތްތަކާއެކު އިޖުތިމާއީ އެއްވުންތަކަށް ދިއުމާއި ބައިވެރިވުންވަނީ މަނާކަމެއްކަމުގައި ޑިފެންސް މިނިސްޓްރީން ހަމަޖައްސާފައިވާ ކަމަށެވެ.

މިގޮތަށް ހަމަޖެއްސީ ސިފައިންނަކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ދިވެހި ދައުލަތް ހިމާޔަތްކޮށް ބެލެހެއްޓުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިގްލާލް އަދި ސިޔާދަތު ހިމާޔަތްކޮށް ދިފާއު ކުރުމުގައި މެދުކެނޑުމެއްނެތި 24 ގަޑިއިރު ޚިހިދުމަތް ފޯރުކޮށްދިނުމަށް ދިވެހި ދައުލަތުން އުފައްދާފައިވާ އަސްކަރީ ލަޝްކަރަކަށްވާތީ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

ސިފައިންނަކީ ވަ ކިފަރާތަކަށް ބުރަވުމެއް ނެތި، އިންސާފުވެރިކަމާ ތެދުވެރިކަމާއެކު ގައުމީ ވާޖިބު އަދާ ކުރަން ޖެހޭ ބަޔަކަށްވާ އިރު ސިފައިންގެ އިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތުގެ މަތީން ޢަމަލުތައް ބަހައްޓާ އެންމެހާ ނުފޫޒުތަކުންނާއި ސިޔާސީކަންކަމުން ސިފައިން އެއްކިބާވާން ޖެހޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ސިފައިންނަށް ވަނީ އަންގައިފަ އެވެ.

މިގޮތަށް މިކަން ހަމަޖެހިގެން ދިއުމާ އެކު ބައެއް މީހުން މިހާރު އުފައްދާ ސުވާލަކީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް ވެސް ދެން ސިފައިންނާ ބައްދަލު ކުރެވިދާނެތޯ އެވެ؟

އެ ސުވާލު ނުއުފެދެންވީ އެއްވެސް ސަބަބެއް ނެތެވެ. ޑިފެންސް މިނިސްޓަރަކީ ރަައީސް އައްޔަން ކުރައްވާ ސިޔާސީ ބޭފުޅެކެވެ. އެކަމަކު މިހާރު މި ނިންމުމާ ގުޅިގެން މިނިސްޓަރަށް ސިފައިންނާ ބައްދަލު ކުރެވޭނެތޯ އެވެ. ސިފައިންނަށް މިނިސްޓަރާ ބައްދަލު ކުރެވޭނެތޯ އެވެ.

މީގެ އިތުރަށް މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫގެ ދާއިރާގެ ޕީޕީއެއް މެމްބަރު އިބްރާހީމްދީދީ (އައިބީ) އަށް އޮތް ބޮލުގެ ރިހުމަކަށް ނުވާނެ ހެއްޔެވެ؟

އޭނާގެ ދަރިފުޅު އަލީ އިހްސާނަކީ ސިފައިންގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅެކެވެ. އިހުސާން ހުންނެވީ ކެޕްޓަނެއްގެ މަގާމުގަ އެވެ.

މިހާރު މި ގެނައި ބަދަލާ އެކު އިހުސާނަށް އޭނާގެ ބައްޕަ އާ ބައްދަލު ކުރެވޭނެތޯ އެވެ؟ ނޫނީ އައިބީ އަށް އޭނާގެ ދަރިފުޅާ ބައްދަލު ކުރެވޭނެތޯ އެވެ؟

އެކަން އެގޮތަށް ކުރެވޭ ނަމަ އައިބީމެން ފަދަ ސިޔާސީ ފަރާތްތަކަށް އަދި ކެޕްޓަން އިހްސާން ފަދަ ސިފައިންގެ އިސް މަގާމުތަކުގައި ތިއްބެވި ބޭކަނލުންނަށް އިސްތިސްނާއެއް އޮވެދާނެތޯ މިއީ ވެސް ސުވާލެކެވެ.

ހައްތަހާ ވެސް ސުވާލެވެ. ގައުމުގެ ކަންކަން މިދާ ގޮތުން އެތައް ބަަޔަކު ތިބެން ޖެހޭނީ ފިތި ބާރުވެ ހައްޔަރުވެފަ އެވެ. ބޮޑު މަންޒަރު ފެންނަނީ އެހެންނެވެ.