Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ގަމުގެ ސީ ޕްލޭން އޮޕަރޭޓަރަކަށް ޓީއެމްއޭ

ގަން އިންޓަނޭޝަނަލް އެއަރޕޯޓުގެ ރަންވޭ އަޕްގްރޭޑިންގ ޕްރޮޖެކްޓް އާއި އެކު ސީޕްލޭން ބޭސް އެއް ޤާއިމް ކުރުމަށް ޓްރާންސް މޯލްޑިވިއަން އެއާރވޭސް (ޓީ.އެމް.އޭ) އާއިއެކު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އާއި އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އޭއައިއޭގެ ޖެނެރަލް މެނޭޖަރ އިބްތިޝާމާ ސައީދު މިއަދު "އައްޑޫލައިވް" އަށް ވިދާޅުވީ ގަމުގެ އެއާޕޯޓްގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ނިމި، އޭއައިއޭއާއި ހަވާލު ކުރާނެ ކަމަށެވެ. އަދި އެއަޕޯޓް އޮޕަރޭޝަންސް އޮކްޓޫބަރު މަހު ފަށަން ތައްޔާރުވަމުން އަންނަ އިރު ހިދްމަތް ފަށާނީ މިއަދު އެއްބަސްވި ޓީއެމްއޭގެ ސީޕްލޭން ބޭސް އާއި އެކު ކަމަށެވެ.

އިބްތިސާމާ ވިދާޅުވީ، ކުރިންވެސް ޕްލޭން ކުރެވިފައިވާ ގޮތަށް ގަމުގައި ސިޓީ ހޮޓަލް އެޅުމުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ.

"މިހާރު ސިޓީ ހޮޓެލްގެ ޓްޕޯގްރަފިކް ސާވޭގެ މަސައްކަތް މުޅިން ނިމި، ޑިޒައިނިން މަސައްކަތް ކުރިއަށްދަނީ، ދެން އޮތީ ހޮޓަލް އެޅުމަށް ބޭނުންވާ ފަައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް، އެކަން އެބަދޭ ވަރަށް ބާރަށް ކުރިއަށް"

އިބްތިޝާމާ ވިދާޅުވީ ކުންފުނީގެ އިސްވެރިންތައް މިދިޔަ ހަފްތާގައި ގަމަށް ޒިޔާރަތްކޮށް މަސައްކަތް ކުރިއަށްދާ ގޮތް ބަލާފައިވާ ކަމަށެވެ.

ގަން އެއާޕޯޓް ތަރައްޤީގެ މަޝްރޫއުގެ ތެރެއިން ރަންވޭއަށް އިތުރުކުރި 2000 މީޓަރު މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ދަނީ ބޭނުން ކުރަމުންނެވެ. އަދި މުޅި މަޝްރޫއު ނިމޭއިރު ރަންވޭގެ 3400 މީޓަރު އޮޕަރޭޝަންސްއަށް ހުޅުވާލެވިގެންދާނެއެވެ.