Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

ގަމުގައި ޓޫރިސްޓް ހޮޓަލެއް އަޅާނެ: އޭއައިއޭ

ގަމުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ޓޫރިސްޓު ހޮޓަލެއް އެޅުމަށް ނިންމައިފި އެވެ.

ގަމުގައި ސީޕްލޭން ބޭސްއެއް ގާއިމުކުރުމަށްވެސް ވަރަށް ފަހުން އޭއައިއޭ އިން ނިންމާފައިވަނިކޮށް ޓޫރިސްޓު ހޮޓެލް އެޅުމުގެ މަޝްވަރާތައް މިހާރު ކުރިއަށް ދާ ކަމަށް އެފަރާތުން މައުލޫމާތު ދީފައިވެ އެވެ.

ތިން ތަރި ނުވަތަ ހަތަރޔ ތަރީގެ ފެންވަރަށް އެޅުމަށް ހަމަޖެހިފައިވާ މި ހޮޓެލްގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހު ތެރޭ ނިންމާނެ ފަރާތެއް މިހާރު ދަނީ ހޯދަމުން ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މާކެޓިން މެނޭޖަރު ފާތުމަތް ޒުބްނާ މައުލޫމާތު ދެއްވާފައިވެ އެވެ.

އަދި މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 50 މިލިޔަން ޑޮލަރު އަރާނެ ކަމަށް ލަފާކުރެވޭނެކަމަށް ޒުބްނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގަމުގައި ޓޫރިސްޓް ހޮޓަލެއް އެޅުމުގެ އެންމެ ބޮޑު މަގްސަދަކީ އައްޑޫ އަތޮޅުގެ އެނދުގެ ކެޕޭސިޓީ އިތުރުކޮށް ގަން އެއާޕޯޓަށް ޖައްސާ ފްލައިޓްތައް އިތުރުކުރުން ކަމަށެވެ.

އެއާޕޯޓުގެ ފެންވަރު ރަނގަޅުކޮށް އިންޓަނޭޝަނަލް ބޯޓުތައް ޖެއްސުމަށް އެއާޕޯޓުގެ ރަންވޭ ވަނީ މިހާރު ބޮޑުކޮށްފައެވެ. މިމަސައްކަތް އެއްކޮށް ނިމުމުން ބޮއިން 777 އާއި އޭ އެއާބަސް 330 އަދި 340 ކެޓަރީގެ ބޮޑު ބޯޓުތައްވެސް ގަމުގައި ޖެއްސޭނެ ކަމަށް އޭއައިއޭ އިން މައުލޫމާތުދީފައިވެއެވެ.

މީގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ފެންވަރު މަތި ކުރުމުގެ މަޝްރޫއު ނިމުމުން ގަމުގައި ކާގޯ ހެންޑްލިންގެ ހިދުމަތް ވެސް ފޯރުކޮށްދޭން ފަށަން އޭއައިއޭ އިން ވަނީ ނިންމާފައެވެ.