Last Updated: April 20, 17:12
Saturday, April 20, 2024
ރިޕޯޓް

މުޑޭށި، އެންމެން ހިނގައު އަތިރިމަތި ސައުފު ކެރާއް

ސްކިޑްމޯރ ކޮލެޖްގެ ޑޭވިސް ޕީސް ޕްރޮޖެކްޓާއި ޖޫނިއަރ ޗެމްބަރ އިންޓަރނޭޝަނަލް ގެ އައްޑޫ ޗެޕްޓަރ، ޖޭސީއައި އައްޑޫއިން ގުޅިގެން މުޑޭށީގެ ނަމުގައި ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

މުޑޭށީގެ އަމާޒަކީ ޒުވާނުން އިސްނަގައިގެން ހިތަދޫއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައި، ކަޅިބިއް ސަރަހައްދާއި ޓްރެކް ސަރަހައްދުގައި ޑަސްބިން ބެހެއްޓުމުގެ އިތުރުން މި ދެ ސަރަހައްދުން ގަވާއިދުން ކުނި ނެގޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.

މިގޮތުން ދެ ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިހަރަކާތުގެ ފުރަތަމަ ދުވަހަކީ 19 އޮގަސްޓް ވާ ހުކުރު ދުވަހު ހެނދުނު 6:45 އިން ކަޅިބިއް ސާފުކުރުމެވެ. ކުނި ސާފު ކުރުމަށް ވަޑައިގަންނަވާ ބޭފުޅުން އެއްވުމަށް ހަމަޖެހިފައިވަނީ ހިތަދޫ ސްކޫލް ކުރިމަތިންނެވެ.

އަދި 20 ވަނައަށްވާ ހޮނިހިރު ދުވަހުވެސް ހަމަ މިގަޑީގައި ޓްރެކް ސަރަހައްދަށް އެއްވެ ޓްރެކް ސަރަހައްދު ސާފުކުރުންވެސް އޮންނާނެ ކަމަށް އެފަރާތުން ވަނީ މައުލޫމާތުދީފައެވެ. މިހަރަކާތުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިކަން އިންތިޒާމުކުރާ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެކެވެ.

މުޑޭށި ހިންގުމުގައި ހަރަކާތްތެރިވާ ޖޭސީއައި އައްޑޫއިން މައުލޫމާތުދޭ ގޮތުގައި މުޑޭށި ޕްރޮޖެކްޓް ގެ ދެވަނަ މަރުހަލާ އަކީ އެ ޖަމުޢިއްޔާގެ އައްޑޫ ޗެޕްޓަރގެ ނައިބު ރައީސް، މަރިޔަމް ނައުފާގެ ޕްރޮޖެޓް "ކޮމިއުނިޓީ ގަރޑެން" އެވެ. މި މަރުހަލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އައްޑޫ ހައި ސްކޫލާއި ގުޅިގެން އެސްކޫލުގައެވެ.

މިހަރަކާތުގައި ސްކިޑްމޯރ ކޮލެޖްގެ ޑޭވިސް ޕީސް ޕްރޮޖެކްޓްގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާނީ އެޕްރޮޖެކްޓުގެ ރެސީޕިއަންޓް ހުލްވާ ޚަލީލެވެ. ޖޭސީއައި އައްޑޫގެ ހުރިހާ މެމްބަރުންވެސް އައްޑޫ ސާފު، ރީތި ތަނެއް ގޮތުގައި ދެމެހެއްޓުމަށް މިހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވާނެއެވެ.

އެބޭފުޅުންގެ އެދުމަކީ ވީހާވެސް ގިނަ ރައްޔިތުން މިހަރަކާތުގައި ބައިވެރިވެ ރަށަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް އެހީތެރިވުމެވެ.