Last Updated: April 25, 06:02
Thursday, April 25, 2024
ރިޕޯޓް

އައިޓީ ޕާކް ވައުދަށް 1022 ދުވަސް، މި ވައުދު ކޮބާ؟

ރައީސް ޔާމީން މިދޔަ މަހު އައްޑު އަށް ކުރެއްވި ދަތުރުގައި ޒުވާނުންތަކަކާ ސަލާން ކުރައްވަނީ. ފޮޓޯ/ ރައީސް އޮފިސް

" މިއީ ފަސޭހަކަމާ އެކު ކުރެވޭނެ ކަމެއް. އައިޓީގެ މަސައްކަތް ކުރުމަށް ސޮފްޓްވެއާ ތައްޔާރު ކުރުމަށް. އެއީ މިހާރު ވެސް އަމިއްލަ ފަރުދުން ވެސް ރިސޯޓްތަކަށް ބޭނުންވާ ސޮފްޓްވެއާ އެބަ ތައްޔާރު ކުރޭ. އޭގެ ބެލެންސްޝީޓްގެ ހުންނަ މައުލޫމާތުތައް ދަސްކުރުމާއި އިންވެންޓްރީގަ މުދާ ހުސްވަމުންދާ މިންވަރު ދެނެގަތުމާ އާވެ ނުވަތަ ބާވެ ގިނަ ދުވަސްވަމުންދާ ފަސޭހަކަމާ އެކީގަ ލެޕްޓޮޕްގެ ސްކްރީނަކުން ފެންނާނެ ކަހަލަ ސޮފްޓްވެއާ ޑިވެލޮޕް ކުރުމާ މިކަހަލަ ވަރަށް ގިނަ ތަފާތު މަސައްކަތްތައް އެބަ ކުރައްވާ، އެހެންވީމާ މި މަސައްކަތަކީ އައިޓީ ޕާކެއް އުފައްދައިގެން އައްޑޫގައި ރަސްމީކޮށް ކުރެވިދާނެ މަސައްކަތެއް. މިއީކީ ހަރަދުތަކެއް ހިނގާނެ މަސައްކަތެއް ވެސް ނޫން "

2013 ވަނަ އަހަރުގެ ނޮވެމްބަރ 5 ވަނަ ދުވަހު އައްޑޫ ހައި ސްކޫލްގައި ބޭއްވި ޖަލްސާއެއްގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވި ވާހަކައެކެވެ.

އައިޓީ ޕާކް ވަޢުދަށް 455 ދުވަސް ވުމުން އެވާހަކަ އާއި 700 ދުވަސް ހަމަވި ދުވަހު ވެސް އެވާހަކަ ސަރުކާރުގެ ސަމާލުކަމަށް ގެނެސްދިނުމަށް އައްޑޫގެ ޒުވާނުން އެދުމުން އެވާހަކަ 'އައްޑޫލައިވް'ގައި ވާނީ މީގެ ކުރިން ގެނެސްދީފައެވެ. އަދި ހަަމަ އެހެންމެ އެ ވަޢުދަށް 813 ދުވަސް ވުމުންނާއި އަދި ހަމަ އެހެންމެ 875 ދުވަސް ވުމުން އެވާހަކަ ވެސް ވާނީ ގެނެސްދީފައެވެ.

މިއީ، 'އައްޑޫލައިވް' ގައި "އައިޓީ ޕާކް" ގެ ވާހަކަ ލިޔާ 5 ވަނަ ފަހަރެވެ.

އައިޓީ ޕާކް ވަޢުދާއި ބެހޭގޮތުން 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ހިތަދޫގެ ޒުވާނަކު ބުނި ގޮތުގައި، އެފަދަ ތަނެއް ޤާއިމްކޮށްދީިފި ނަމަ ސަރުކާރުން އެތަނަށް ޚަރަދު ކުރަން ނުޖެހޭ ގޮތަށް ވެސް އެތަން ހިންގާނެ ޒުވާނުން އައްޑޫގައި އެބަތިބި ކަމަށެވެ.

" ސަރުކާރުން އިނީޝިއަލީ މިކަން ފައްޓަވައިދެއްވައިފި ނަމަ، އެކަމަށް ޝައުޤުވެރިވާ ކުދިން އެތަން ހިންގާނެ. ބަލަމާ ހިނގާ މި އައްޑޫ އިން ހަމަ ސޮފްޓްވެއާ ޑެވެލޮޕަރުން ވެސް ވާނެ. އޭރުން އެތަނުގައި ކުރާ މަސައްކަތުން ކޮންމެވެސް އެއްޗެއް ތަނަށް ޚަރަދު ކުރީމާ އެތަން ވެސް ބެލެހެއްޓޭނެތާ. ދެން ސަރުކާރުން ބޭނުމިއްޔާ ޓެކްސް ވެސް ނަގަންވީ"، އައިޓީ ދާއިރާއިން މަތީ ތަޢްލީމް ޙާސިލްކޮށްފައިވާ ޒުވާނަކު ބުންޏެވެ.

އައިޓީ ޕާކެއް އައްޑޫގައި ޤާއިމްކުރުމުގެ ހުވަފެން ދެކެމުން އަންނަ މިފަދަ އެތައް ޒުވާނުން އައްޑޫގައި ތިބި ނަމަވެސް، 2013 ވަނަ އަހަރުގެ ނޮވެމްބަރ 5 ވަނަ ދުވަހުގެ ފަހުން ރައީސް ޔާމީން އަދި އައިޓީ ޕާކުގެ ވާހަކައެއް ނުދައްކަވައެެވެ.

އަދި ސަރުކާރުގެ ފަރާތުން ވެސް އެކަމާއި ބެހޭގޮތުން އެއްވެސް އެއްޗެއް ހާމަކުރައްވާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.