Last Updated: April 19, 11:14
Friday, April 19, 2024
ކުޅިވަރު

ކަސްޓަމުން ޝަންގްރިއްލާ ކޮޅަށް 9 ލަނޑު ޖަހައިފި

މަރަދޫ ވެންބޮޅަފިށި ސްޓޭޑިއަމްގައި ކުރިއަށްދާ "އުރީދޫ ރެސްޕެކްޓް ފުޓްސަލް ޗެލެންޖް" ގައި ރޭ ކުޅުނު ފުރަތަމަ މެޗް ތަފާތު ބޮޑު ނަތީޖާއަކުން ކަސްޓަމްސް ރިކްރިއޭޝަން ކްލަބް ކާމިޔާބްކޮށްފިއެވެ.

އަބަދުވެސް އައްޑޫގެ ފުޓްސަލްގެ ގަދަ ބާރެެއްގެ ގޮތުގައި ހިމެނޭ ޝަންގްރިއްލާ ބަލިކުރީ 9-0 ލަނޑުންނެވެ. ޝަންގްރިއްލާ މި މެޗާއި ކުރިމަތިލީ ކުޅުނު ފުރަތަމަ މެޗުން ލިބުނު މޮޅާއި އެކު އެވެ. އަދި ކަސްޓަމްސް ނިކުތީ ފުރަތަމަ މެޗުން ގެއްލުނު 3 ޕޮއިންޓް ހޯދުމުގެ އަޒުމުގައެވެ.

ހީކުރިގޮތާއި ހިލާފަށް މެޗްގައި މޮޅަށް ކުޅުނީ ކަސްޓަމްސްއިންނެވެ. މެޗްގައި ކަސްޓަމްސް ޓީމްގެ ކެޕްޓަން އަހްމަދު ހަނީފް 4 ގޯލް ޖެހިއިރު، މިފްޒާލް ލަޠީފް ވަނީ 3 ގޯލް ޖަހާފައެވެ. ކަސްޓަމްސްގެ އިތުރު ގޯލްތައް ކާމިޔާބްކޮށްދިނީ ހަސަން ނޫރިޝް އާއި އަހްމަދު އަބްދުﷲއެވެ.
DSC_8972

މެޗްގައި ޝަންގްރިއްލާގެ ކީޕަރު އިބްރާހިމް ފާއިޒު ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އަދި އެ ހަމަނުޖެހުމުގެ ތެރޭގައި ޝަންގްރިއްލާގެ ހަސަން އައްސަދުއަށް ވެސް ވަނީ ރަތް ކާޑް ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކީ ކަސްޓަމްސްގެ މިފްޒާލް ލަޠީފްއެވެ.
DSC_8968

ރޭ ކުޅުނު ދެވަނަ މެޗްގައި ސަދަން ޓްރާންސްޕޯޓް ލިންކް ވަނީ ސިލްވާރ ސޭންޑް 4-7 ލަނޑުން ކާމިޔާބް ކޮށްފައެވެ.
މެޗްގައި ސަދަން ޓްރާންސްޕޯޓު ލިންކުން ޖެހި 7 ލަނޑުގެ ތެރެއިން ހެޓްރިކް ހަދައި މެޗްގެ މޮޅު ކުޅުންތެރިއާއަަކަށް ހޮވުނީ ސަދަން ޓްރާންސްޕޯޓް ލިންކްގެ އަލީ ހަބީބްއެވެ. އެޓީމްގެ އިތުރު ލަނޑުތައް ޖަހައިދިނީ ހުޒެއިފަތު ރަޝީދު އާއި އަބްދުﷲ ނިޒާރުގެ އިތުރުން އިބްރާހިމް އަލްޒަމްއެވެ. ހުޒެއިފަތު ވަނީ 2 ގޯލް ޖަހާފައެވެ.

ސިލްވަ ސޭންޑްއަށް ލަނޑު ޖަހައިދިނީ އާދިލް މުހައްމަދު އާއި، ހުސެއިން ޝިފާޒް އާއި މުހައްމަދު އިހްސާންގެ އިތުރުން އަލީ އަބްދުﷲ އެވެ.

ރޭގެ ނަތީޖާ އާއި އެކު ސިލްވާ ސޭންޑް ވަނީ ކުޅުނު ދެމެޗުންވެސް ބަލިވެފައެވެ. ސަދަން ޓްރާންސްޕޯޓް ލިންކް ވަނީ 2 މޮޅާޢި އެކު 6 ޕޮއިންޓާއި އެކު ގްރޫޕްގެ 1 ވަނާގައެވެ.

ރޭ ކުޅުނު ފަހު މެޗްގައި އެފްސީ ޕޮލީޒިއާ އާއި އެއާޕޯޓްސް ރެކްރިއޭޝަން ބައްދަލުކުރި މެޗް 5-2ގެ ނަތީޖާއިން އެއާޕޯޓްސް ރެކްރިއޭޝަން ވަނީ މެޗް ކާމިޔާބް ކޮށްފައެވެ. އެއާޕޯޓުން ޖެހި 5 ލަނޑުގެ ތެރެއިން 4 ލަނޑު ޖަހައި މެޗްގެ މޮޅު ކުޅުންތެރިއާ ހޯދީ އަބްދުﷲ އިމްރާންއެވެ. އަނެއް ގޯލް ޖަހާދިނީ އިބްރާހިމް މުހައްމަދުއެވެ.

އެފްސީ ޕޮލީޒިއާގެ ލަނޑުތައް ޖަހާދިނީ އަލީ ރިޝްވާން އަހްމަދު އާއި އަހްމަދު ޝިފާޒްއެވެ.

މުބާރާތުގައި މިރޭ ކުޅޭނީ 2 މެޗެވެ.

ފުރަތަމަ މެޗް 20:30 ގައި ފަށާއިރު އެމެޗްގައި ބައްދަލު ކުރާނީ އެޗްޕީއެލް އާއި ކްލަބް އިމިގްރޭޝަންއެވެ.
ދެވަނަ މެޗް 21:00 ގައި ފަށާއިރު އެމެޗްގައި ބައްދަލު ކުރާނީ ޓީމް ފެނަކަ އަދި އުރީދޫއެވެ.