Last Updated: April 24, 11:39
Wednesday, April 24, 2024
ކުޅިވަރު

ފަހު ވަގުތު އެޗްޕީއެލް މޮޅުވި އިރު ފެނަކަ ކުއާޓާ އަށް

ގޯދިއްޔާގެ ޖެނެރެަލް ސެކްރެޓަރީ ހުސެއިން އާބިދު ފަހަރުގައި. އިމިގްރޭޝަން ޓީމްގެ ކުޅުންތެރިން ޗިޕް ގެސްޓަށް ތައާރަފް އަރުވަނީ.

އުރީދޫ ރެސްޕެކްޓް ފުޓްސަލް ޗެލެންޖްގައި ރޭ ކްލަބް އިމިގްރޭޝަން އަދި އެޗްޕީއެލް މެޗް އެއްވަރުވެ ނިމެން އުޅެނިކޮށް ފަހު ވަގުތު ވައްދާލި ލަނޑާއި އެކު އެޗްޕީއެލް މޮޅުވެ، މުބާރާތުގައި ކުރިއަށް ދިއުމުގެ ހިތްވަރު އާ ކޮށްފިއެވެ.

އިމިގްރޭޝަންއިން ލީޑް ނަގައި މޮޅަށް ކުޅުނު ނަމަވެސް ދޭތެރެ ދޭތެރެއިން އެޗްޕީއެލްގެ ބާރު ހަމަލާތައް އިމިގްރޭޝަންގެ ގޯލަށް ދިޔައީ ފޮނުވަމުންނެވެ. ރޭގެ މެޗް އެޗްޕީއެލްއިން ކާމިޔާބް ކުރީ 4-5 ލަނޑުންނެވެ.

އިމިގްރޭޝަންގެ ލަނޑުތައް އެޓީމަށް ކާމިޔާބް ކޮށްދިނީ ދެ ލަނޑު ޖެހި ޔޫސުފް އުމަރު އާއި އަބްދުﷲ ހަނީފް އިތުރުން ސިމާއު ސައީދުއެވެ.

އެޗްޕީއެލްގެ ލަނޑުތައް ޖެހީ އަހްމަދު އިބްރާހިމް އާއި މުހައްމަދު ޝުއާއުގެ އިތުރުން އަހްމަދު ޝާފިއުއެވެ. ޝުއާއު އާއި އަހްމަދު އިބްރާހިމް ވަނީ 2 ގޯލް ޖަހާފައެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަހްމަދު އިބްރާހިމްއެވެ.

ރޭ ކުޅުނު ދެވަނަ މެޗް ޓީމް ފެނަކަ އުރީދޫގެ މައްޗަށް ކާމިޔާބް ހޯދީ 8-5 ގެ ނަތީޖާއިންނެވެ. މެޗްގައި ޓީމް ފެނަކައިގެ އަބްދުﷲ ރިޒްމީން ހެޓްރިކް ހެދިއިރު މޫސާ ވަހީދު އަދި އަލީ ނާދިރުވަނީ 2 ގޯލް ޖަހާފައެވެ. އެޓީމަށް ދެން ލަނޑު ޖަހާދިނީ އިބްރާހިމް ނިޒާރުއެވެ.

އުރީދޫއަށް ލަނޑު ޖަހާދިނީ ހަސަން މުއާޒު، ސާއިފް އަލީ، ހުސެއިން އިޝާމް އަދި ހަމްދާން ވަހީދުއެވެ. މުއާޒްވަނީ 2 ގޯލް ޖަހާފައެވެ. މޮޅު ކުޅުންތެރިއަކީ ފެނަކަ ޓީމްގެ އަލީ ނާދިރުއެވެ.

މިރޭ ވެސް މި މުބާރާތުގެ 3 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ފުރަތަމަ މެޗް 8:30 ގައި ފަށާއިރު އެމެޗްގައި ވާދަކުރާނީ ޝަންގްރިއްލާ އަދި ސަދަން ޓްރާންސްޕޯޓް ލިންކެވެ.
ދެވަނަ މެޗް 9:45 ގައި ފަށާއިރު އެމެޗްގައި ވާދަ ކުރާނީ ސިލްވާ ސޭންޑް އަދި ކަސްޓަމްސްއެވެ.
ފަހު މެޗް 23:00 ގައި ފަށާއިރު ބައްދަލު ކުރަނީ އިމިގްރޭޝަން އަދި ޓީމް ޓްރިޕްލްއޭއެވެ.