Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ހޯމަ ދުވަހު ޒަވީ ގަލޮޅު ދަނޑަށް

އަންނަ ހޯމަ ދުވަހު ސާފް ޗެމްޕިއަންޝިޕް 2008 ކާމިޔާބުކުރި ގައުމީ ޓީމާއި މިހާރުގެ ގައުމީ ޓީމު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ކުޅުމަށް ބާސެލޯނާ އަދި ސްޕެއިންގެ ތަރި ޒަވީ ހަނާންޑޭޒް ރާއްޖެ އައުމަށް ހަމަޖެހިއްޖެެއެވެ.

ތަށި ހޯދި ޓީމަށް ކުޅުމަށް ޒަވީ އަންނަ އިރު އޮންލައިން މީޑިޔާ 'އަވަސް' އިން ރިޕޯޓުކޮށްފައިވާ ގޮތުން އެފްއޭއެމްގެ ރައީސް މުހައްމަދު ތޯރިގް ވިދާޅުވެފައިވަނީ މިއީ ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް އެއިދާރާއިން ފަށާފައިވާ މަސައްކަތުގެ މުހިއްމު ހަރަކާތެކެވެ.

ޒަވީގެ އިތުރުން ކުރީގެ އާޖެންޓީނާގެ ޑިފެންޑަރު ރޮބާޓޯ އަޔާލާވެސް މިމެޗުގައި ކުޅުމަށް މިހާރުވަނީ ހަމަޖެހިފައެވެ. މިދެކުޅުންތެރިންނަކީވެސް ކުރީގައި ކުޅުނު ޓީމުތަކަށް މުހިއްމު ރޯލު އަދާކޮށް ސަޕޯޓަރުންގެ ހިތް އަތުލާފައިވާ ކުޅުންތެރިންނެވެ.

އެގޮތުން ޒަވީ ވަނީ 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ އާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމުގައި ސްޕެއިންގެ މިޑްފީލްޑުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ. އަދި އޭނާ ބާސާގައި ހޭދަކުރި 24 އަހަރު ތެރޭގައި 505 މެޗު ކުޅެ 58 ގޯލު ޖަހާދީފައެވެ.

އަންނަ ހޯމަ ދުވަހު ކުޅޭ މެޗު މިހާރު ވަނީ އިތުރަށް ފޯރިގަދަވެފައެވެ. ރާއްޖޭގެ ގައުމީ ދަނޑުގައި މިފަދަ މުނާސަބަތެއްގައި މިފަދަ ކުޅުންތެރިޔަކު ކުޅޭ ފުރަތަމަ މެޗު ބަލާލަން ދާން ބޭނުންނުވާނެ ފުޓުބޯޅައަށް ލޯބިކުރާ އެއްވެސް ސަޕޯޓަރަކު ރާއްޖޭގައި ހުންނާނެ ކަމަށް ނުބެލެވެއެވެ.