Last Updated: April 20, 09:35
Saturday, April 20, 2024
ސިޔާސީ

އީސީސީ ހޮސްޕިޓަލަކަށް ނަހަދަން އެމްޑީޕީން ގޮވާލައިފި

ސަރުކާރުން އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރާނޭ ކަމަށް ވެފައިވާ ރިޔާސީ ވަޢުދާ ޚިލާފަށް، އެ ހޮސްޕިޓާ އިމާރާތް ކުރުމަށް ރަޖިސްޓްރީކޮށްފައިވާ ބިމުގައި ހޮސްޕިޓާ އިމާރާތް ކުރުމުގެ ބަދަލުގައި، ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން އިމާރާތްކުރި އައްޑޫ ސިޓީގެ ރައްޔިތުންގެ ފަޚުރެއްކަމުގައިވާ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލުކުރަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނަމުންދާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމިންގެ ސަރުކާރުން އައްޑޫގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމެއް ނެތި، އަދި އައްޑޫ ސިޓީގެ ތަރައްޤީއަށާއި މުޅި ޤައުމުގެ ތަރައްޤީއަށްޓަކައި އައްޑޫގެ ރައްޔިތުންގެ ބޮޑު ހިއްސާއެއް އޮވެގެން ޙާސިލުކޮށްފައިވާ ޑިމޮކްރެސީ އާއި ހެޔޮވެރިކަމުގެ ނިޒާމާއި ލާމަރުކަޒީ ނިޒާމު، ސަރުކާރުން ހަލާކުކޮށްލައި އަދި ސިޓީ ކައުންސިލުގެ ބާރުތައް ސަރުކާރުން ނަގައި އައްޑޫ ސިޓީގެ ރައްޔިތުންނަށާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް ނުހަނު ބޮޑެތި ގެއްލުންދީފައިވާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރާ ކަމަަށެވެ.

"އައްޑޫ ސިޓީގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށްކަމަށްބުނެ މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓްގައި އެތައް މިލިޔަން ރުފިޔާއެއް ހިމަނަމުން ގެންގޮސްފައިވީ ނަމަވެސް، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ނިމި ގޮސް އަދި މިހާރު 2016 ވަނަ އަހަރު ނިމުމަކާ ހަމައަށްދާއިރު ބަޖެޓްގައި ހިމަނަމުންދިއަ އެއްވެސް ފައިސާއެއް އެ ހޮސްޕިޓާ އެޅުމަށް ޚަރުދުކޮށްފައިނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ." ބަޔާނުގައިވެ އެވެ. "އަދި އެ ހޮސްޕިޓާ އިމާރާތްކުރުމާމެދު ސަރުކާރުން އެކި ފަހަރު އެކި ގޮތަށް ޚަބަރުފަތުރަމުން ގެންގޮސްފައިވުމާއި އަދި އެއިން އެއްވެސް ފަހަރަކު ސަރުކާރުން ހާމަކުރި ގޮތާ އެއްގޮތަށް ޢަމަލުކޮށްފައި ނުވެ އެވެ."

އެ ޕާޓީން އަދި ބުނީ އައްޑޫގައި ފެނާއި ނަރުދަ މާއާއި އަދި މަގު ހެދުން ފަދަ މައިގަނޑު ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށްކަމަށް ބުނެ ބަޖެޓްގައި ފައިސާ ހިމަނާފައިވީ ނަމަވެސް އެއްވެސް މަސައްކަތް ކުރިޔަށް ނުދާކަން ފާހަގަ ކުރާ ކަމަށެވެ.

އަދި ބަޖެޓްގައި ހިމެނިފައިވާ މިއިން އެއްވެސް ކަމެއް ސަރުކާރުން ކޮށްދީފައި ނުވާ ކަމަށް ބުންޏެވެ.

"މީގެ އިތުރުން ކޮންވެންޝަން ސެންޓަރ މަރާމާތުކުރުމަށް 2015 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ބަޖެޓްގައި ފައިސާ ހިމަނާފައިވުމާ އެކުވެސް، އެތަން މަރާމާތުކުރުމަށް އެއްވެސް ޚަރަދެއްކޮށްފައި ނުވެއެވެ. އެހެންކަމުން އައްޑޫ ސިޓީ ކައުންސިލުން އިސް ނަގައިގެން އެމަސައްކަތްކުރުމަށް އެދުމުން ވެސް ކައުންސިލަށް އެފުރުޞަތު ނުދީ، ސަރުކާރުން ގަސްދުގައި އެތަން ވީރާނާކޮށްލަން ދޫކޮށްލާފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ސަރުކާރުން މިބާވަތަށް އައްޑޫ ސިޓީއާ މެދު ޢަމަލުކުރަމުންގެންދަނީ އައްޑޫގެ ރައްޔިތުންނަށް ޖެއްސުންކުރުމުގެ ގޮތުންކަމަށް ދެކެމެވެ." ބަޔާނުގައިވެ އެވެ. "ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން މިދެންނެވި ހޮސްޕިޓާ އިމާރާތްކުރުމާމެދު އެކިފަހަރުމަތިން ދައްކަމުންދިއަ ވާހަކަތަކާ ކަނޑައެޅިގެން ޚިލާފަށް މިއަދާ ހަމައަށް ވެސް އެ ހޮސްޕިޓާ އެޅުމަށް ރަޖިސްޓްރީކޮށްފައިވާ ބިމުގައި ހޮސްޕިޓާ އިމާރާތްކުރަން ފެށުމަކާނުލައި، އަދި ސަރުކާރުން އައްޑޫ ސިޓީ ކައުންސިލާއި އައްޑޫގެ ރައްޔިތުންނާ މަޝްވަރާކުރުމެއް އަދި ރުހުމެއް ހޯދުމެއް ނެތި، އައްޑޫގެ ރައްޔިތުންނަށްޓަކައި މީގެ ކުރިން އެމް.ޑީ.ޕީގެ ސަރުކާރުން އިމާރާތްކުރި އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރަށް ގޮތްތައް ހަދަމުންދާދިއުން ވަގުތުން ހުއްޓާލުމަށް މިސަރުކާރަށް ގޮވާލަމެވެ. އަދި އެ ކޮންވެންޝަން ސެންޓަރާ މެދު މި ސަރުކާރުން ޢަމަލުކުރަމުން ގެންދާ ގޮތްތަކަކީ އައްޑޫގެ ރައްޔިތުން ކަނޑައެޅިގެން ނުރުހޭ އަދި ދެކޮޅުހަދާ ކަމެކެވެ.

އެމްޑީޕީން ބުނީ ރައީސް ޔާމިންގެ ސަރުކާރު ބަދަލުކުރުމާ އެކު އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރާމެދު މިހާރު އަމަލު ކުރަމުން އެގެންދާ ގޮތްތައް ވަގުތުން ހުއްޓުވައި އައްޑޫގެ ރައްޔިތުންނަށް އެ ކޮންވެންޝަން ސެންޓަރު ރައްކާތެރިކޮށްދޭނޭ ކަމަށެެވެ.

"އަދި އައްޑޫގެ ރައްޔިތުން އެދޭގޮތަށް އައްޑޫ ސިޓީގައި ހޮސްޕިޓާ އިމާރާތްކޮށް ފުރިހަމަކުރެވިގެންދާނޭ ކަމުގެ ޔަޤީންކަން އައްޑޫ ސިޓީގެ ރައްޔިތުންނަށް އަރުވަމެވެ." ބަޔާނުގައިވެ އެވެ.