Last Updated: April 20, 18:15
Saturday, April 20, 2024
ޚަބަރު

އިންޖީނަކަށް މައްސަލަ ޖެހި، އައްޑޫގެ ބޮޑު ބަޔަކުން ކަރަންޓް ކަނޑަނީ

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭން ބޭނުން ކުރާ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ބޮޑެތި ދަތިތަކާއި ކުރިމަތިވެ އާންމު ދިރިއުޅުމަށް ބުރޫ އަރައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ 11:30 އިން ފެށިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އެކި ހިސާބުތަކުން، އެކި ގަޑިތަކުގައި ދަނީ ކަރަންޓް ކަނޑަމުންނެވެ. އެގޮތުން މިވަގުތު ހިތަދޫގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓްގެ ޚިދުމަތް ކަނޑާލާފައެވެ.

ކަރަންޓް ކަނޑަމުން ގެންދާ ސަބަބު އޮޅުން ފިލުވާލުމަށް 'އައްޑޫލައިވް'ގެ ފަރާތުން އައްޑޫގައި ހުންނަވާ ފެނަކަ ކޯޕަރޭޝަނުގެ ރީޖަނަލް ޑައިރެކްޓަރ އަބްދުﷲ ޒުހައިރު (އަބްހަރީ ޒުހައިރު) އަށް ގުޅި ނަމަވެސް އެބޭފުޅާ ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ މިކަމުގައި އެ ކުންފުނީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭން ބޭނުން ކުރާ އިންޖީނުތަކުގައި މައްސަލަ ޖެހިގެން ކަރަންޓް ކަނޑަން ޖެހުމަކި ވަރަށް އާންމު ކަމެކެވެ. މިކަމާ ގުޅިގެން އާންމު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ކުރިން އެންގުމަކާއި ނުލައި ދޭތެރެއިން ކެނޑުމުގެ ސަބަބުން އާއްމުން ބޭނުން ކުރާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކްސް ސާމާން ހަލާކުވުމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފަ އެވެ.