Last Updated: April 25, 08:57
Thursday, April 25, 2024
ޚަބަރު

ސަރުކާރު ނުވެއްޓޭނެ: ޝައިނީ

މި ސަރުކާރަށް، ރައްޔިތުންގެ ފުރިހަމަ ތާއިދު އެބައޮތްކަމަށާއި، ޖޯކަރުންތަކަކަށް މި ސަރުކާރު ވައްޓާ ނުލެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ސަރުކާރު ދިފާއު ކުރައްވައި ޝައިނީ ޓްވީޓް ކުރެއްވި އިރު ކުރިއަށް އޮތް ހަފްތާތެރޭ ދިވެހި ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން މިއަދު ވަނީ ރިޕޯޓް ކޮށްފައެވެ.

ބީބީސީން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރައީސް ޔާމީން ވެރިކަމުން ދުރުކުރުމަށް ރާވާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލް ބީބީސީއަށް އަދި ލިބިފައި ނުވާ ކަމަށެވެ.

ޝައިނީ ސަރުކާރު ނުވެއްޓޭނެ ކަމަށް ވިދާޅުވިއިރު، ސަރުކާރުގެ ކަރަޕްޝަނާއި ގުޅޭ ގޮތުން އަލްޖަޒީރާގެ އިންވެސްޓިގެޓް ޖާނަލިސްޓް ޔުނިޓުން ތައްޔާރު ކުރި ރިޕޯޓެއް އަންނަ މަހު 6 ވަނަ ދުވަހު އޮން އެއާ ކުރާނެ ކަމަށް އެ ޗެނަލްއިން ވަނީ ބުނެފައެވެ.

ބީބީސީން ދިވެހި ސަރުކާރު ވައްޓާލަން އުޅޭކަމަށް ރިޕޯޓް ކުރިއިރު، ރާއްޖޭގެ އިދިކޮޅު ލީޑަރުންގެ ތެރެއިން އިނގިރޭސިވިލާތުގައި ތިއްބެވި ބައެއް ލީޑަރުން ލަންކާއަށް ގޮސްފައިވާ ކަމުގެ މީޑިއާ ރިޕޯޓް ވަނީ ފެތުރިފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި މިސަރުކާރުގެ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ހިމެނިވަޑައިގަންނަވާކަމަށް އެރިޕޯޓްތައް ބުނެއެވެ.