Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

ރެސްޕެކްޓް ފުޓްސަލް ކުރިއަށްދާ ދަނޑަށް ގެއްލުންތަކެއް!

ހިތަދޫގެ ޒުވާނުންގެ ޖަމިއްޔާއެއް ކަމުގައިވާ އެފްސީ ރެސްޕެކްޓްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ "ރެސްޕެކްޓް ފުޓްސަލް ޗެލެންޖް 2016" ކުރިއަށް ގެންދާ މަރަދޫ ވެންބޮޅަ ފިށި ސްޓޭޑިއަމް އަށް ބޮޑެތި ގެއްލުންތަކެއް ދިނުމާއި ގުޅިގެން މުބާރާތައް ހުރަސް އެޅިއްޖެ އެވެ.

އައްޑޫގެ ކުންފުނިތަކާއި، އޮފީސްތަކަށް ހުޅުވާލައިގެން ރެސްޕެކްޓް ކްލަބްގެ ފަރާތުން ބާއްވާ ފުޓްސަލް މުބާރާތް ކުރިއަށް ގެންދާ ދަނޑަށް ގެއްލުން ދީފައި މިވަނީ، މުބާރާތުގައި ބައިވެރިވި އިމިގްރޭޝަންގެ ޓީމުގެ ފަރާތުން އިންޒާރުތަކެއް ލިބިފައި ވަނިކޮށެވެ.

ކޮންބައެއް ކަން ނޭނގޭ ބަޔަކު، ވަނީ މަރަދޫ ވެންބޮޅަފިށި ސްޓޭޑިއަމްގެ ލައިޓްތަަކަށް އަދި ދަނޑުގެ ބައެއް ތަކެއްޗަށް ގެއްލުން ދީފައެވެ.

ރެސްޕެކްޓް ޖަމިއްޔާގެ ފަރާތުން ވާހަކަ ދެއްކި ހުސައިން މަމްދޫހު ބުނި ގޮތުގައި މުބާރާތަށް ހުރަސް އެޅުމަށް ކިތަންމެ މަސައްކަތް ކުރި ނަމަވެސް ކުރިން ވެސް ރޭވިފައިވާ ގޮތަށް ޖަމިއްޔާގެ ފަރާތުން ކުރިއަށް ގެންދާނެ ކަމަށެވެ.

"ދަނޑަށް ގެއްލުން ދިނީ ކޮންބައެއް ކަމެއް ނޭނގޭ. މިއީ ވަރަށް ދެރަ ކަމެއް. އިންޒާރު ދިނަސް ގެއްލުން ދިނަސް ރޭވިފައިވާ ގޮތަށް މުބާރާތް ކުރިއަށް ދާނެ"

އެޗްޕީއެލްއާއި ބައްދަލު ކުރި މެޗުން ބަލިވެ އިމިގްރޭޝަންގެ ޓީމު މުބާރާތުން ކެޓި މެޗަށް ފަހު، އެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން، ނުރުހުން ފާޅުކޮށް ހިތްހަމަނުޖެހުން ފާޅުކުރި މަންޒަރު 'އައްޑޫލައިވް'ގެ ނޫސްވެރިންނަށް ވެސް ވަނީ ފެނިފައެވެ.

އެޗްޕީއެލްއާއި އިމިގްރޭޝަން ބައްދަލުކުރި މެޗް ކުރިއަށް ދިޔައިރު ވެންބޮޅަ ފިށި ސްޓޭޑިއަމްގައި ހުރި 'އައްޑޫލައިވް'ގެ ނޫސްވެރިޔާ ހުސައިން ޒަހީން ބުނިގޮތުގައި، މެޗް ނިންމުމަށް ފަހު ބެންޗްގައި ތިބެ ކްލަބް އިމިގްރޭޝަންގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން " މިދަނޑުގައި މުބާރާތް ދެން ކުރިއަށް ނުގެންދެވޭނެ" ކަމަށް ބުނެ އިންޒާރު ދިން ކަމަށެވެ.

ކްލަބް އިމިގްރޭޝަންގެ ކުޅުންތެރިއަކު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނިގޮތުގައި މެޗަށް ފަހު އެ "ހޫނުކަން މަތީ" އެއްޗެކޭ ބުނި ނަމަވެސް އެފަދަ ދަށު ދަރަޖައިގެ ކަމެއް އެޓީމުގެ ކުޅުންތެރިއަކު ނުކުރާނެ ކަމަށެވެ.

" މެޗަށް ފަހު ހޫނުކަން މަތީ އެއްޗެކޭ ބުނެފާނެ. އެކަމަކު މި ޓީމުގައި ނެތް އެފަދަ ކަމެއް ކުރާނެ މީހެއް"

ވެންބޮޅަ ފިށި ސްޓޭޑިއަމް އަށް ގެއްލުންތަކެއް ދިން މައްސަލަ މިހާރު ވަނީ ޕޮލިހަށް ހުށަހަޅާފައެވެ.