Last Updated: April 20, 16:27
Saturday, April 20, 2024
ޚަބަރު

ކަރަންޓް ގޮސްގެން ގެއްލުންވާ ނަމަ ކޯޓަށް ދޭ: ޒުހައިރު

(އަބްދުﷲ ޒުހައިރު (އަބްހަރީ

ކަރަންޓް ކެނޑުމުގެ ސަބަބުން ގެއްލުންވާ ތަކެތީގެ ބަދަލު ހޯދުމަށް ކޯޓަށް ދިއުމަށް ފެނަކަ ކޯޕަރޭޝަންގެ އެގްޒެކެޓިވް ޑައިރެކްޓަރ އަބްދުﷲ ޒުހައިރު ވިދާޅުވެއްޖެ އެވެ.

ކަރަންޓް ކެނޑުމާއި، ގުޅިގެން އާއްމު ރައްޔިތުން ގެންގުޅޭ އަގު ބޮޑު އިލެކްޓްރިކް ސާމާންތައް ހަލާކުވާ މައްސަލަ އާއި ގުޅިގެން ޒުހައިރު ވިދާޅުވީ، އޭގެ ބަދަލު ހޯދުމަށް ކޯޓަށް ހުށަހެޅުމަށެވެ.

"އެގޮތަށް ބަދަލުދޭ އުސޫލެއް ނޯވޭ، ކޯޓަށް (ސަރީއަތަށް) ހުށަހަޅައިގެން ކުރިއަށް ގެންދޭ،" އޭނާ ވިދާޅުވި އެވެ.

އިއްޔެއިން ފެށިގެން އިންޖީނަކަށް މައްސަލަ ދިމާވެ، ކަރަންޓް ކަނޑަމުން އަންނަ އިރު ކަރަންޓް ކަނޑާލާ ވާހަކަ ފެނަކައިން ކަރަންޓްގެ ހިދްމަތް ހޯދާ ފަރާތްތަކަށް އަންގާފައި ނުވެ އެވެ.

އަދި އިންޖީނަކަށް މައްސަލަ ދިމާވިކަންވެސް ރަސްމީކޮށް ރައްޔިތުންނަށް އަންގާފައި ނުވެއެވެ.

ޒުހައިރު ވިދާޅުވީ ދުނިޔޭގެ ހުރިހާތަނެއްގައި ވެސް ކަރަންޓް ކެނޑޭކަމަށެވެ. އަދި އެގައުމުތަކުގައިވެސް ހުރިހާ ރައްޔިތުންނަށް ނާންގާކަމަށެވެ.

"ކަރަންޓް ދިޔައީމާ، 4000 މީހުންނަށް ކިހިނެއް އަންގާނީ. އެގޮތަށް ނޭންގޭނެ، ސްޓެލްކޯއިންވެސް ނާންގާ،" ޒުހައިރު ވިދާޅުވިއެވެ.

ޒުހައިރު ވިދާޅުވީ އިއްޔެ އިންޖީނަށް ޖެހުނު މައްސަލަ މުޅިން ހައްލުކޮށްފައި ވަނިކޮށް މިއަދު އަނެއްކާވެސް ކަރަންޓް ގޮސްފައިވަނީ ކުއްލި ގޮތަކަށްކަމަށެވެ.

ކަރަންޓް ކެނޑި އައްޑޫގެ އެތައް ރައްޔިތުންތަކަށް އެތައް ހާސް ރުފިޔާގެ ގެއްލުން ދަނީ ލިބެމުންނެވެ.