Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ސިފައިންގެ ހާއްސަ ތަމްރީނުތަކެއް ފަށައިފި

ރައީސް އަބްދުﷲ ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ އަޑުތަކެއް ގަދަވެފައި ވަނިކޮށް ސިފައިންގެ އަސްކަރީ ޚާއްޞަ ތަމްރީނުތަކެއް ފަށައިފި އެވެ.

މި އަސްކަރީ ޚާއްޞަ ތަމްރީނު ޕްރޮގްރާމަކީ މި އަހަރުގެ ސިފައިންގެ ދުވަހު މިޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ނެރެދެއްވި ދިވެހި ސިފައިންގެ މި އަހަރުގެ ޝިޢާރުކަމަށްވާ "ތަމްރީނާއި ތަރުބިއްޔަތު-ސިފައިންގެ ބިންގާ" މި ޝިޢާރާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ތަފާތު ތަމްރީނުތަކުގެ ތެރެއިން ހިންގޭ ހާއްސަ ތަމްރީނެއް ކަމަށް އެމްއެންޑީފުން ބުންޏެވެ.

މުޅި އަހަރު ދުވަހަށް ބަހާލައިގެން ރާއްޖޭގެ ހުރިހާ ސިފައިންގެ މަރުކަޒެއްގައި މަސައްކަތް ކުރާ ސިފައިން ހިމެނޭ ގޮތަށް ހިންގަމުންދާ ޚާއްޞަ ތަމްރީނުތަކަކީ ޤައުމީ ދިފާޢީ ބާރު ޕްރޮފެޝަނަލް އަސްކަރިއްޔާއެއްގެ ގޮތުގައި ދެމެހެއްޓުމަށް ސިފައިންނަށް ދެވޭ ތަމްރީނުތަކެކެވެ. މިގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަޒް، ލ.ކައްދޫގައި މިހާރު ހިންގާ ޚާއްޞަ ތަމްރީނު ޕްރޮގްރާމުގައި އެމްއެންޑީއެފަށް ކަނޑައެޅިފައިވާ މިޝަން އެސެންޝިއަލް ޓާސްކް ތަކުގެ ތެރެއިން އެއްގަމާއި ކަނޑުގައި ދުޝްމަނުން ހިންގަފާނެ ޓެރަރިސްޓް ޢަމަލެއް ހުއްޓުވައި، ރައްކާތެރިކަމާއި ސަލާމަތްތެރިކަން ޤާއިމުކުރުމަށް ހިންގަންޖެހޭ ޚާއްޞަ އޮޕަރޭޝަންތަކާ ގުޅުންހުރި ތަމްރީނުތައް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ތަމްރީނުތަކުގައި ސަލާމަތީ މަޝްރަހާ ގުޅުންހުރި ކަންތައްތަކަށް ރިޢާޔަތްކޮށް ހިންގާ އަސްކަރީ ފަރިތަކުރުންތަކުގެ އިތުރުން، ސިފައިންގެ ކޮންމެ މީހެއްގެ ކިބައިގައި ހުރުން ލާޒިމު އަސާސީ ހުނަރުތަކާއި އުކުޅުތަކާއި އަސްކަރީ ޤާބިލުކަން އިތުރަށް ތަރައްޤީ ކުރެވޭނެ އެވެ.

އަދި ސިފައިންގެ މައިގަނޑު ކޮމްޕޯނަންޓްތަކުން އޭރިއާ ތަކުގައި ހިންގާ އޮޕަރޭޝަންތައް ކާމިޔާބު ކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލުކަން އިތުރުކުރުމާއި ސިފައިންގެ މަރުކަޒީ ތަމްރީނުތައް ހިންގާނެ ގޮތްތައް ފަރިތަކުރެވޭނެ އެވެ.

ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން ދެމެހެއްޓުމަށް ތަޢުލީމާއި ތަމްރީނު ހޯދައި، ޤާބިލު ހުނަރުވެރި ބައެއްގެ ގޮތުގައި ދެމި ތިބުމަށްޓަކައި އަބަދުވެސް ސިފައިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރަކީ ސިފައިންގެ ތަމްރީނުތަކަށް ކަނޑައެޅިފައިވާ ޚާއްޞަ ޝިޢާރެއްގެ ދަށުން ސިފައިންގެ ތަމްރީނާއި ތަރުބިއްޔަތަށް ޚާއްޞަ އިސްކަމެއް ދީގެން ޕްލޭންތަކެއް ކުރެވިގެން މަސައްކަތް ކުރެވޭ އަހަރެކެވެ.