Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މާލެތެރެ ބަލަހައްޓަން ސިފައިންނާއި ފުލުހުން މަޝްވަރާކޮށްފި

ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ވެރިންނާއި އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން --

މާލެ ތެރޭގައި ސަލާމަތާއި ރައްކާތެރިކަން ގާއިމް ކުރުމަށް ސިފައިންނާއި ފުލުހުން ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

ފުލުހުންގެ ހަބަރު ގެނެސްދޭ އޮންލައިން ސައިޓްގައިވާ ގޮތުން ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ އިސްވެރިންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މާލެ އޭރިޔާގެ އިސްވެރިން މަޝްވަރާކުރައްވާފައިވަނީ މާލޭތެރޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި ކަމެއް ދިމާވެއްޖެ ހާލަތެއްގައި ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް ކަށަވަރުކުރުމުގެ ގޮތުން ކުރެވިދާނެ މަސައްކަތްތަކަކީ ކޮބައިތޯބަލައި ވީއެންމެ އަވަހަކަށް އާއްމު ހާލަތަށް ގެނައުމަށް މަސައްކަތްކުރެވިދާނެ ގޮތާއި މެދުއެވެ.

މި ބައްދަލުވުމުގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ޑެޕިއުޓީ ހެޑް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ރަޝީދު އާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގައި ހިމެނޭ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މާލެއޭރިއާގެ ޑެޕިއުޓީ ކޮމާންޑަރު މޭޖަރ އިސްމާޢީލް ފަރުވީން އާއި މާލޭ އޭރިޔާގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން މާލެތެރޭގެ އަމަންކަން ގާއިމް ކުރުމުގެ މަޝްވަރާކޮށްފައި މިވަނީ ރާއްޖޭގެ ސަރުކާރު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަދަލުކޮށްލަން ރާވާފައިވާކަމަށް ބީބީސީން ރިޕޯޓްކޮށްފައިވާ ވަގުތެއްގައެވެ.