Last Updated: April 25, 12:03
Thursday, April 25, 2024
ސިޔާސީ

މަރުވިޔަސް ރައީސް އިސްތިއުފާގެ ސިޓީގައި ސޮއި ނުކުރައްވާނެ: ނިހާނު

ރައީސް ޔާމީން މަރުވެގެން ވެއްޓުނަސް ވެރިކަމުން އިސްތިއުފާ ދެއްވަން ސިޓީގައި ސޮއި ނުކުރައްވާނެ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހްމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ތައުލީމީ މަރުކަޒުގައި މިރޭ ބޭއްވި "ރައީސް ޔާމީން 2018" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަން މަގުމަތިން ވައްޓާލުމަކީ އެއްވެސް ފަރާތަކަށް "ކުޅަދާނަ" ކަމެއް ނޫން ކަމަށެވެ.

ނިހާން ވިދާޅުވީ ބަޑި ބޮލުގައި ޖައްސާފައި އިސްތިއުފާގެ ސިޓީގައި ސޮއިކުރާށޭ ދެންނެވިޔަސް އަދި މަރުވެގެން ވެއްޓުނަސް އިސްތިއުފާގެ ސިޓީގައި ސޮއެއް ނުކުރައްވާނެކަމަށެވެ.

ނިހާން މިގޮތަށް ވިދާޅުވިއިރު ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުވެސް ވަނީ މި ޖަލްސާގައި ރައީސް ޔާމީން ބޮލަށް ބަޑި ޖެއްސެވިޔަސް އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވެފައެވެ.

މިރޭ ޕީޕީއެމްއިން ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ ރައީސް ޔާމީންގެ ވެރިކަން ނުވެއްޓޭނެކަމަށް ވިދާޅުވެފައެވެ. ހާއްސަކޮށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ވެރިކަން ބަޣާވާތަކުން ބަދަލު ކުރުމަށް ފުރުސަތެއް އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށާއި، އެކަމާއި ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނެ ކަމަށެވެ.