Last Updated: April 20, 16:20
Saturday, April 20, 2024
ރިޕޯޓް

"ސްޓީލިން ޕެރަޑައިސް" ގެ ވިއުސް ހަތަރު ލައްކަ އަށް

މަޝްހޫރު ނިއުސް އެޖެންސީ އަލްޖަޒީރާ އިން ތައްޔާރުކޮށް މި މަހުގެ 7 ވަނަ ދުވަހު ގެނެސް ދިން "ސްޓީލިން ޕެރަޑައިސް" ޑޮކިއުމަންޓްރީ ބެލި މީހުންގެ އަދަދު ހަތަރު ލައްކަ އަށް ވުރެ މައްޗަށް އަރައިފި އެވެ.

ޑޮކިއުމަންޓްރީ އާންމު ކުރިތާ މިހާރު 10 ދުވަސްވީ އިރު، ބައެއް ފަރާތްތަކުން ބުނާ ގޮތުން މަޝްހޫރު ނިއުސް އެޖެންސީއަކުން ހެދި ޑޮކިއުމަންޓްރީއަކާ އަޅާބަލާފައި "ސްޓީލިން ޕެރަޑައިސް" ބެލި މީހުންގެ އަދަދު އުންމީދު ކުރި ވަރަށް ވުރެ ވެސް މާ މަދެވެ.

މި ޑޮކިއުމަންޓްރީއަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށް ބުނާ ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތަކުގެ މައްޗަށް އަލްޖަޒީރާ އިން ތައްޔާރު ކުރި ތަހުގީގީ ޑޮޮކިއުމަންޓްރީއެކެވެ.

އެހެން ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ޑޮކިއުމަންޓްރީގައި ހަގީގަތެއް ނެތް ކަމަށާއި އެއީ މުޅިން ވެސް ދޮގު ވާހަކަތަކެއް ކަމަށެވެ.

މި ޑޮކިއުމަންޓްރީ އާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނަނީ ރައީސް ޔާމީނާއި އެެ މަނިކުފާނުގެ ސަރުކާރުގެ އަސްލު ސިފަ ދުނިޔެއަށް މިހާރު ހާމަވެއްޖެ ކަމަށާއި މީގެ ސަބަބުން ރާއްޖެ އަށް ތަފާތު ގެއްލުންތައް ކުރިމަތިވާނެ ކަމަށެވެ.

އޭގެ ތެރޭގައި ރާއްޖެ އަށް އިންވެސްޓަރުން ކުރަމުން އައި އިތުބާރު ގެއްލި، އިގުތިސާދީ ގޮތުން ރާއްޖެ އަށް ދަތިވުން އެކަށީގެންވާ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

"ސްޓީލިން ޕެރަޑައިސް" އާ ގުޅިގެން ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ނައިބް ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވީ އެ ޑޮކިއުމަންޓްރީގެ ސަބަބުން ބޭރު ދުނިޔޭގައި ރައީސް ޔާމީންގެ މަގުބޫލުކަން އިތުރުވެފައިވާ ކަމަށެެވެ.

އޭނާގެ މި ވާހަކަތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ ޖޯކް ވެސް ޖަހަމުންނެވެ.