Last Updated: April 18, 15:32
Thursday, April 18, 2024
ރިޕޯޓް

ސްރީލަންކަން އަށް އޮފާއެއް ދީފިން: އިބްތިޝާމާ

އަންނަ ނޮވެމްބަރު މަހު ގަމާއި ލަންކާ އާއި ދެމެދު ދަތުރު ފެށުމަށް ތައްޔާރު ވަމުން އަންނަ ސްރީލަންކަން އެއާލައިންސަށް "އޮފާއެއް" ހުށަހަޅާފައިވާ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން (އޭއައިއޭ) އިން ބުނެފި އެވެ.

އޭއައިއޭގެ ޖެނެރަލް މެނޭޖަރު އިބްތިސާމާ ސައީދު "އައްޑޫ ލައިވް" އަށް ވިދާޅުވީ އޭއައިއޭގެ އޮފާ، ސްރީލަންކަން އަށް ހުށަހަޅާފައިވާ ކަމަށާއި ސްރީލަންކަންގެ ޖަވާބެއް އަދި ނުލިބޭ ކަމަށެވެ. ނަމަވެސް އެއޮފާގެ ތަފްސީލެއް އިބްތިޝާމާ ނުދެއްވަ އެވެ.

މިކަމާ ގުޅުގެން ސްރީލަންކަންގެ ރާއްޖޭގެ އިސްފަރާތްތަކަށް ގުޅުމުން އޭއައިއޭގެ އޮފާއެއް އަދި ނުލިބޭކަމަށް ވަނީ ވިދާޅުވެފައެވެ.

"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ސްރީލަންކަންއިން ވަނީ ގަމާއި ލަންކާ ދެމެދު ދަތުރު ފެށުމުގެ ގޮތުން އޭއައިއޭ އާއި އެކު މަޝްވަރާކޮށްފައެވެ. އަދި ހަމަ އެދުވަހު ސްރީލަންކަންގެ ޕްރޮޕޯސަލް ވަނީ އޭއައިއޭއަށް ފޮނުވާފަ އެވެ.

ސްރީލަންކަންއިން ވަނީ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަފްތާއަކު 4 ފްލައިޓް ބޭއްވުމަށް ނިންމާފައެވެ. އެއާލައިންއިން ބުނީ އޭއައިއޭއަށް ފޮނުވާފައިވާ ޕްރޮޕޯސަލްގެ ކަންކަން ނިމުމާއި އެކު ގަމާއި ލަންކާ ދެމެދު ދަތުރު ފެށުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ފަށާނެކަމަށެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން ރަންވޭގެ މަސައްކަތް މި މަސް ނިމޭއިރަށް މުޅިން ނިމޭނެ ކަމަށް އޭއައިއޭއިން ވަނީ ބުނެފައެވެ. އަދި ސީޕްލޭން އޮޕަރޭޓް ކުރުމުގެ ހުއްދަ ޓީއެމްއެއަށް އޭއައިއޭއިން ވަނީ ދީފައެވެ.

ގަމާއި ލަންކާ އާއި ދެމެދު ސީދާ ދަތުރު ފެށިގެން ދިއުމަކީ އައްޑޫ އާއި ދެކުނުގެ 3 އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދެވެ.

އެހެންވެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނީ އޭއައިއޭ އާއި ސްރީލަންކަން އާއި ދެމެދު ކުރެވޭ މަޝްވަރާ ވީހާވެސް އަވަހަށް ނިމި ހިދްމަތް ފެށުމަށެވެ.