Last Updated: April 18, 22:36
Friday, April 19, 2024
ސިޔާސީ

ގަޔަށް ބޮލަށް އެރީ ސިޓީގެ ޖަވާބު ހޯދަން ދިއުމުން: އަލްހާން

ގަޔަށް ބޮލަށް އަރައި މާރާމާރީ ހިންގީ އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒުއަށް ފޮނުވި ސިޓީގެ ޖަވާބު ބަލައި ދިއުމުން ކަމަށް ކުރިން ފޭދޫ ދާއިރާގެ މަޖްލިސް މެމްބަރުކަން ކުރެއްވި އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން ވިދާޅުވީ އެ ސިޓީގެ ޖަވާބު ބަލައި ދިއުމުން އޭނާ ޕާޓީގެ އޮފީހުން ނެރެފައިވާ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ނައިބް ރައީސް ޝިފާޒުއަށް އެޑްރެސް ކުރައްވައި ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އަލްހާނު ފޮނުއްވި ސީޓީގައި ވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ 95 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދައިން ޕާޓީގެ ރައީސް އާއި ނައިބް ރައީސްގެ މަގާމުގެ އިންތިހާބް ބާއްވައި ދިނުމަށް އެދިވަޑައިގެންފައެވެ.

alhan

އެމްޑީޕީގެ ނައިބް ރައީސް ޝިފާޒު މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ އަލްހާން ޕާޓީގެ އޮފީހުން ބޭރު ކުރިކަމަށް ބުނާ ވާހަކައިގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

"އަޅުގަނޑު މިހުރީ ރަށުން ބޭރުގައި، ތިކަހަލަ އެއްވެސް މައުލޫމާތެއް އަދި ލިބިފައެއް ނެތް"

އަލްހާން ވިދާޅުވީ، އޭނާ އޮފީހުގެ ތެރޭގައި ބެހެއްޓުމަށްފަހު ޕާޓީގެ ސެކެޓްރީ ޖެނެރަލް އަނަސް ތަޅުލާފައި ވަޑައިގެންނެވިކަމަށެވެ. އޭގެ ފަހުން ޕާޓީގެ އެކްޓިވިސްޓުން ގެނެސް އޭނާ ބޭރު ކުރީކަމަށެވެ.

މިކަމާއި ގުޅިގެން އަނަސްއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ އިތުރު ތަފްސީލެއް ލިބޭ ގޮތް ނުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު އާއި އަލްހާންގެ އިތުރުން ކުރީގެ ލޯކަލް ގަވަމެންޓް އޮތޯރިޓީގެ މެމްބަރުކަން ކުރެއްވި ޝުޖާއު ހުސެއިން އިސްކޮށް ތިއްބަވައިގެން "އެމްޑީޕީ އިސްލާހު ކުރުމަށް" ހަރަކާތެއް ވަނީ ފަށާފައެވެ.

އަލްހާން ވިދާޅުވީ އެމަސައްކަތް ކިތަންމެ ބިރެއް ދެއްކިއަސް ހުއްޓާ ނުލާނެކަމަށެވެ.