Last Updated: March 29, 09:42
Friday, March 29, 2024
ކުޅިވަރު

ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް އެއްވަރުވެއްޖެ

ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަދި އެތްލެޓިކޯ މެޑްރިޑް ބައްދަލު ކުރި މެޗު 1-1 އިން އެއްވަރުވެ ބާސާއަށް ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އަނެއްކާވެސް ހަނިވެއްޖެއެވެ.

ތާވަލުގެ އެއްވަނައިގައި އޮތް ރިއަލް މެޑްރިޑްވެސް އެއްވަރުވެ ފަރަގު ކުޑަކުރުމަށް ލިބުނު ފުރުސަތު ބާސާއިން ގެއްލުވާލާފައިވާއިރު ރޭގެ މެޗުގައި މެސީ އަށް ވަނީ އިންޖަރީވެ ކުޅުން ކުރިއަށް ނުގެންދެވިފައެވެ.

ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ބާސާގެ ފަރާތުން ފެނިފައިވީނަމަވެސް ދެވަނަ ހާފުގައި މަންޒަރު ވަނީ ބަދަލުވެފައެވެ. ސާޖިއޯ ބުސްކުއެޓާއި އަނިޔާގެ ސަބަބުން މެސީ ބަދަލުކުރަން ޖެހުން ވީ އެތްލެޓިކޯއަށް މެޗު އެއްވަރުކުރުމަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ.

ނަތީޖާއެއްގެ ގޮތުން 41 ވަނަ މިނެޓުގައި އިވަން ރަކިޓިކް ބާސާއަށް ޖަހައި ދިން ގޯލު އެއްވަރުކުރުމަށް އެތްލެޓިކޯއަށް ނެގީ ދެވަނަ ހާފު ފެށިގެން 15 މިނެޓެވެ. މިގޯލު އެތްލެޓިކޯއަށް ޖަހާދީފައިވަނީ ކޮރޭއާއެވެ.

މެސީގެ އިންޖަރީއަށް ފަހު ބާސާއަށް ވަނީ އެމީހުންގެ ގޭމް ޕްލޭނާއި އެއްގޮތަށް މެޗު ކުރިއަށް ނުގެންދެވިފައެވެ. ނަމަވެސް އެތްލެޓިކޯއަށް މެޗުގައި އިތުރު ގޯލެއް ޖެހިފައެއް ނުވެއެވެ.

ރިއަލް މެޑްރިޑާއި ވިލަރެއާލް ކުޅުނު މެޗުވެސް ވަނީ 1-1 އިން އެއްވަރުވެފައެވެ. ކްރިސްޓިއާނޯ އަދި ބޭލްވެސް ފުރަތަމަ އެގާރައިގައި ކުޅުނު މިމެޗުގެ ލީޑު ނަގާފައިވަނީ ވިލަރެއަލްއެވެ. 45 ވަނަ މިނެޓުގައި ގޯލު ޖަހާފައިވަނީ ބްރޫނޯ ސޮރިއާނޯއެވެ. ނަމަވެސް ރިއަލް އިން ވަނީ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފައެވެ.

ސާޖިއޯ ރާމޮސް ގެ ގޯލަށް ފަހު މެޗުގެ ނަތީޖާ އަނބުރާލުމަށް ރިއަލް ކުރި މަސައްކަތް ވަނީ ބޭކާރުވެފައެވެ. ރޭގެ މެޗުން އެއްވަރުވެ ބާސާ ގެ ރިކޯޑު ރިއަލް އަށް ވަނީ މުގުރާނުލެވިފައެވެ. ޖެހިޖެހިގެން އެންމެ ގިނަ މޮޅު ލަލީގާގައި ހޯދާފައިވަނީ މިހާރު ބާސާއާ އެކު 16 މޮޅާއެކު ރިއަލްއެވެ.

ރޭގެ ނަތީޖާ އެއްވަރުވުމާއި ގުޅިގެން ރިއަލް ތާވަލުގެ އެއްވަނައިގައި އޮތީ 13 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ސެވީއާ އޮތީ 11 ޕޮއިންޓު ލިބިގެންނެވެ. ބާސާ ވަނީ 10 ޕޮއިންޓު ލިބިގެން ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ.