Last Updated: April 19, 11:14
Friday, April 19, 2024
ވިޔަފާރި

އުރީދޫން އައިފޯން 7 ލޯންޗްކޮށްފި، ފޯނު ގަންނަން ދިގު ކިއުއެއް!

އެޕްލްއިން އެންމެ ފަހުން ނެރުނު އައިފޯން7 އަދި އައިފޯން 7 ޕްލަސް ރާއްޖެއަށް ތައާރަފްކޮށް އުރީދޫން ވިއްކަން ފަށައިފިއެވެ.

މިއަދު ހެނދުނު 9 ޖެހިއިރު އުރީދޫ އެކްސްޕީރިއެންސް ސެންޓަރ ގައި ބޭއްވި ރަސްމިއްޔާތެއްގައި އައިފޯން 7 އަދި އައިފޯން 7 ޕްލަސް ތައާރަފްކޮށް ވިއްކަން ފަށާފައިވާ އިރު ފޯނު ގަތުމަށް ދިގު ކިއޫއެއް ވަނީ ހަދާފައެވެ.

އެޕްލްގެ ފޯނުތަކަށް މަރުދޭ، ކަސްޓަމަރުން ވަނީ ދަންވަރު 3 އިންފެށިގެން ފޯނު ގަންނަން ކިއު ހަދާލާފައެވެ.

އުރީދޫން މިއަދު ފޯނު ވިއްކަން ފަށާފައި މިވަނީ ދެ ގޮތަކަށް ފޯނު ގަނެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފަހުއެވެ. އެގިތުން އެއްފަހަރާ ފައިސާ ދެއްކުމަށްފަހު ފޯނު ގަނެވޭ އިރު އުރީދޫގެ ކަސްޓަމަރުންނަށް މަހުން މަހަށް ފައިސާ ދެއްކޭނެ ގޮތަށް ފޯނ ދޫކުރަން ވަނީ ނިންމާފައެވެ.

މަހުން މަހަށް ފޯނު ނަގާ ފަރާތްތަކުން އެޑްވާންސް ފީގެ ގޮތުގައި 2999 ރުފިޔާ ދައްކަވާ އިރު ބާކީ އަދަދު ބަހާލާފައިވަނީ 12 މަސް ދުވަހުން ދެއްކޭ ގޮތަށެވެ.

އުރީދޫން އައިފޯން 7 ވިއްކަނީ 32 ޖީބީގެ ފޯން 13،899ރ. އަށް، 128 ޖީބީގެ ފޯން 15،899ރ. އަށް އަދި 256 ޖީބީގެ ފޯން 17،899ރ. އަށެވެ. ޕްލަސްގެ 32 ޖީބީގެ ފޯން 16،399ރ. އަށް ވިއްކާއިރު، 128 ޖީބީގެ ފޯން 18،399ރ. އަށް އަދި 256 ޖީބީގެ ފޯން 20،499ރ. އަށް ވިއްކަން ވަނީ ނިންމާފަ އެވެ