Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް

ސްނެޕްޗެޓުން އާދަޔާޚިލާފު އަވިއައިނެއް އީޖާދުކޮށްފި

މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަންއެއް ކަމަށްވާ ސްނެޕްޗެޓުން އެ ކުންފުނީގެ އެންމެ ފުރަތަމަ ގެޖެޓްކަމަށްވާ ކެމެރާ ހުންނަ އަވިއައިނު އިއުލާންކޮށްފިއެވެ.

އެ އަވިއައިނަށް ސްނެޕްޗެޓުން ކިޔަނީ "ސްޕެކްޓެކަލްސް" އެވެ. މި އަހަރުގެ ފަހުކޮޅު 130 ޑޮލަރުގެ އަގަކަށް އެ އަވިއައިނު ވިއްކަން ފަށާނެއެވެ.

އެ އަވިއައިނު ތަކުގައި ހުންނަ ކެމެރާއިން ރެކޯޑް ކުރެވޭނީ ފަހަރަކު 30 ސިކުންތުގެ ވީޑިއޯއެވެ.

މިއާ ގުޅުގެން ސްނެޕްޗެޓުން ވަނީ ކުންފުނީގެ ނަން ސްނެޕް އިންކްއަށް ބަދަލުކުރި ވާހަކަވެސް އިއުލާން ކޮށްފައެވެ.

ސްނެޕްޗެޓްގެ ނަން ބަދަލުކުރީ ހަމައެކަނި މެސެޖު ކުރާ އެޕްލިކޭޝަން އަކަށްވުރެ އިތުރަށް އެހެން ކަންކަންވެސް ތަޢާރަފްކުރުމުގެ އުންމީދުގައެވެ.

"ސްޕެކްޓްކަލްސް"ގެ ކެމެރާގެ ބެޓަރީ ފުލް ޗާޖު ކުރުމަށްފަހު އެއް ދުވަސް ވަންދެން ބޭނުންކުރެވޭނެއެވެ. އަދި ރެކޯޑް ކުރާ ވަގުތު އައިނުގެ ކުރިމަތިން ފެންނަ ބޮތްކެއްގެ ޒަރިއްޔާއިން ކެމެރާ މަސައްކަތް ކުރާކަން ކައިރީގައި ތިބޭ މީހުންނަށް އެނގޭނެއެވެ.

މީގެ ކުރިން ގޫގުލްއިންވެސް ވަނީ ގޫގުލް ގްލާސްގެ ނަމުގައި އެފަދަ އައިނެއް އީޖާދުކޮށްފައެވެ. އެހެންނަމަވެސް، 1500 ޑޮލަރަށް ވިއްކި ގޫގުލް ގްލާސް އާންމުންނާ ހަމައަކަށް ނާދެއެވެ. ހާޑްވެއާ މައްސަލަތަކެއްގެ ސަބަބުން ގޫގުލް ގްލާސްވީ ނާކާމިޔާބަކަށެވެ.