Last Updated: April 19, 18:52
Friday, April 19, 2024
ކުޅިވަރު

ލީގްގައި އާސެނަލް ޗެލްސީގެ މައްޗަށް ކުރި ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ދުވަސްވީ އެއް ވާދަވެރި މެޗު ކަމަށްވާ "ލަންޑަން ޑާބީ" އާސެނަލް ކާމިޔާބުކޮށްފިއެވެ.

ފަސް އަހަރު ތެރޭގައި ލީގު މެޗެއްގައި ވެންގާ އަށް ޗެލްސީ ބަލިކުރެވުނު ފުރަތަމަ ފަހަރު އޭނާގެ ޓީމު ވަނީ ޗެލްސީ އާ މުޅިން ތަފާތު މޮޅު ގޭމެއް ކުޅެފައެވެ. މެޗުގައި އާސެނަލްގެ ފޯވާޑުން ވަނީ ޗެލްސީ ޑިފެންޑަރުންނަށް ހިފަހައްޓާނުލެވިފައެވެ.

މެޗުގެ ފުރަތަމަ ގޯލު 11 ވަނަ މިނެޓުގައި އާސެނަލް އަށް ކާމިޔާބުކޮށްދީފައިވަނީ ޗެލްސީގެ ޑިފެންޑަރު ގެރީ ކެހިލް ފަހަތުން ކީޕަރަށް ދިން ބޯޅައެއް އެލެކްސިސް ސަންޗެޒް އަށް ލިބިގެންނެވެ. ކެހިލްގެ ގޯހުގެ ބޭނުން އޭނާ ވަނީ ފުރިހަމަ ގޮތުގައި ރީތި ގޯލަކާއެކު ހިފާފައެވެ.

ފުރަތަމަ ގޯލު ޖެހިތާ ތިން މިނެޓު ފަހުން އާސެނަލް އިން ވަނީ ލީޑު ފުޅާކޮށްފައެވެ. މެދު ތެރޭގައި ޕާސް ގިނަ ކޮށް ޗެލްސީ ޑިފެންޑަރުންނަށް އަނެއްކާވެސް ތިބެވުނީ ބަލަހައްޓައިގެންނެވެ. އަރިމަތިން ހެކްޓަ ބެލެރިން އަށް ލިބުނު ބޯޅަ ގޯލު ކުރިމަތިން ތިއޯ ވޮލްކޮޓް އަށް ޕާސް ކުރުމުން އޭނާ ވަނީ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.

މެޗުގެ ފަހު ގޯލު ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ޖަހާފައިވަނީ ޖަރުމަނުވިލާތުގެ މިޑްފީލްޑަރު މީސުޓް އޮޒިލްއެވެ. އާސެނަލްގެ ފަރާތުން ސީޒަނުގައި ފެނުނު އެންމެ ރީތި މެޗު ނިމުމަށްފަހު އޮޒިލް ވަނީ ޒުވާން ސަޕޯޓަރަކަށް އޭނާގެ ޖާޒީ ހަދިޔާކޮށްފައެވެ.
screen-shot-2016-09-24-at-223319
ރޭގެ މެޗުން ބަލިވުމާއެކު އެންޓޯނިއޯ ކޮންޓޭ ވަނީ 7 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ދެ މެޗުގައި ބަލިވެފައެވެ. މެޗުގައި ޗެލްސީ ކުޅުންތެރިންނަށް 90 މިނެޓު ތެރޭގައި ގޯލާ އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. އެހަމަލާވެސް ކުރިން ޗެލްސީއަށް ކުޅުނު ޕީޓާ ޗެކް ވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފައެވެ.

ސްވެންސީ އާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ސިޓީ ވަނީ މޮޅުވެ ތާވަލުގެ އެއްވަނައިގައި 4 ޕޮއިންޓުގެ ލީޑެއް ހޯދާފައެވެ. ދެވަނައިގައި މިވަގުތު ޓޮޓެންހަމް ހޮޓްސްޕާސް 14 ޕޮއިންޓާއެކު އޮތް އިރު 3،4 އަދި 5 ވަނައިގައި އާސެނަލް، ލިވަޕޫލް އަދި އެވަޓަން އޮތީ 13 ޕޮއިންޓާއެކު އެވެ. ހަ ވަނައިގައި މެންޗެސްޓާ ޔުނައިޓެޑު އޮތީ 12 ޕޮއިންޓު ލިބިގެންނެވެ.