Last Updated: April 23, 12:16
Tuesday, April 23, 2024
ކުޅިވަރު

ހަޒާޑުގެ ފާޑުކިޔުންތައް ޗެލްސީ ޑިފެންސް ލައިނަށް!

ޗެލްސީގެ ޑިފެންސު ލައިނުގެ ދޯދިޔާ ކަމަށް ޓީމުގެ މިޑްފީލްޑަރު އެޑެން ހަޒާޑު ފާޑުކިޔައިފިއެވެ.

ދުވަސްވީ ވާދަވެރިޔާ، އާސެނަލް އަތުން 0-3 އިން ބަލިވުމަށްފަހު ހަޒާޑް ޗެލްސީގެ އޮފިޝަލް ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ޑިފެންސް ލައިނުން ހަދާ ގޯސް ތަކުގެ ސަބަބުން މެޗުން މޮޅުވުމަށް އުނދަގޫ ވާކަން ފާހަގަކޮށްފައިވެއެވެ.

"ކޮންމެ މެޗެއްގައި މިހާރު ޖެހެނީ ފަހަތުން އަރައި ގޯލު ޖަހަން. ފުރަތަމަ ގޯލާއި ދެވަނަ ގޯލަކީވެސް ޑިފެންޑަރުންގެ އިހުމާލުން ވަން ގޯލުތައް. އެއިން އަރައިނުގަނެވެނީސް ފެނުނީ ތިންވަނަ ގޯލުވެސް ވަންތަން. އެއްވެސް ބަހަނާއެއް ނެތް. ރަނގަޅު ކުރުން ލާޒިމު!" ހަޒާޑް އިންޓަވިއުގައި ބުނެފައިވެއެވެ.

ޗެލްސީވަނީ އެންމެ ފަހަކަށް ލީގުގައި ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ. އާސެނަލް އަތުން 0-3 އިން ބަލިވެފައިވާއިރު ލިވަޕޫލް އަތުން 1-2 އިން ބަލިވެފައިވަނީ އަމިއްލަ ދަނޑުގައި ކުޅެގެންނެވެ.

ހަޒާޑުގެ އިތުރުން ރިއޯ ފާޑިނެންޑުވެސް ވަނީ ޗެލްސީގެ ޑިފެންސް ލައިނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ހާއްސަކޮށް އޭނާގެ ފާޑުކިޔުންތައް ޑިފެންޑަރު ގެރީ ކެހިލް އަށް އަމާޒުވެފައިވެއެވެ. އާސެނަލްގެ ފުރަތަމަ ގޯލަކީ ކެހިލް ފަހަތުން ކީޕަރަށް ދިން ބޯޅައެއް އިދިކޮޅު ކުޅުންތެރިޔަކަށް ލިބިގެން ވަން ގޯލެއް ކަން ފާހަގަކުރެވެއެވެ.