Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

ޔޫކޭގެ ރައްޔިތުން ސްމާޓްފޯނަށް ދެވިހިފާފައި!

ދުވަހަކުވެސް ދަންވަރު ހޭލާފައި ވަގުތުން ފޯން ބެލިންތޯ؟ އާދެ، ޑެލޮއިޓްއިން ރިޕޯޓްކުރާ ގޮތުގައި އިނގިރޭސެވިލާތުގެ ރައްޔިތުން ވަނީ ދުވަހަކުވެސް ނުވާވަރަށް އެމީހުންގެ ސްމާޓްފޯންތަކަށް ދެވިހިފާފައެވެ.

ކޮންމެ ތިން މީހުންގެ ތެރެއިން އެކަކު ދަންވަރު ތެދުވެ އެމީހެއްގެ ފޯންބަލާކަމަށްވާއިރު، އެކަމުގެ ސަބަބުން ދެމަފިރިންގެ ދޭތެރޭގައި މައްސަލަ ޖެހޭ ކަމަށްވެސް ސާވޭގައި ބައިވެރިވި މީހުން އިއުތިރާފްވެއެވެ.

އެ ސާވޭއިން ދައްކާ ގޮތުގައި ކަންކަން އެނގުމުގައި ލަސްވެދާނެކަމުގެ ބިރުގެ ސަބަބުން މީހުން ފޯނަށް ދެވިހިފައެވެ.

"ސްމާޓްފޯންތަކުން ކުރާކަމަކީ މީހުންނަށް ދުނިޔޭގައި ވަމުންދާ ކަންކަމާއި، އެހެން މީހުން ދައްކާ ވާހަކަތަކާއި، މީހުން ޕޯސްޓްކުރަނީ ކޮން އެއްޗެހިތަކެއްކަމުގެ ވަގުތީ ޚަބަރު ދިނުން. އެއީ ދުވާލު ކޮންމެ ވަގުތަކުވެސް ކުރެވިދާނެ ކަމެއް. އެކަމަކު ސްމާޓްފޯންތައް ދަނީ އެކަން ރޭގަނޑު ދަންވަރުވެސް ކުރުމަށް ހިތްވަރުދެމުން"، ޑެލޮއިޓްގެ ހެޑް އޮފް ޓެކްނޮލޮޖީ، މީޑިއާ އެންޑް ޓެލެކޮމިއުނިކޭޝަންސް ޕޯލް ލީ ވިދާޅުވިއެވެ.

ލީ ވިދާޅުވީ ވަރަށްވުރެ ގިނައިން ސްމާޓްފޯން ބޭނުންކުރުމަކީ ވަގުތީ ކަމެއް ކަމަށެވެ. އެއީ ސްމާޓްފޯނަކީ އަދިވެސް ވަރަށް އާ އެއްޗަކަށްވީމައެވެ.

"މި ޓެކްނޮލޮޖީ ބޭނުންކުރުމަށް އަޅުގަނޑުމެން މިދަނީ އާދަވުމުން. މިއީ އަދި އުމުރުން އެންމެ 9 އަހަރުގެ ޓެކްނޮލޮޖީއެއްކަން ހަނދާންކުރަންޖެހޭ. އާ އެއްޗެއް ލިބުނީމަ ވަރަށްވުރެ ގިނައިން އެ އެއްޗެއް ބޭނުންކުރުމަކީ އަޅުގަނޑުމެންގެ ތަބިއްޔަތް"، ލީ ވިދާޅުވިއެވެ.

ޑެލޮއިޓްގެ ސާވޭގައި ޔޫކޭގެ 4000 ރައްޔިތުން ބައިވެރިވިއެވެ. ޔޫކޭގެ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ބަލާއިރު، ކޮންމެ ފަސް މީހުންގެ ތެރެއިން ހަތަރު މީހުން އަތުގައި ސްމާޓްފޯނެއް އޮވެއެވެ. އެއީ ގާތްގަނޑަކަށް 37 މިލިއަން މީހުންނާ އެއްވަރުގެ އަދަދެކެވެ.

ލީ ވިދާޅުވި ގޮތުގައި ޓެބްލެޓްސްގެ ބާޒާރަށްވީ ގޮތާ ޚިލާފަށް، ސްމާޓްފޯންގެ ވިޔަފާރި މުސްތަޤުބަލުގައިވެސް ދާނީ ކުރިއަށެވެ.