Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

އިންޑިއާ އިން ސާކް ސަމިޓް ބޮއިކޮޓްކޮށްފި

އަންނަ ނޮވެމްބަރު މަހު ޕާކިސްތާންގައި ބާއްވާ ސާކް ސަމިޓް އިންޑިއާގެ އިތުރުން ސާކްގެ އެހެން ބައެއް ގައުމުތަކުން ވެސް ބޮއިކޮޓް ކުރަން ނިންމައިފި އެވެ.

އިސްލާމްއާބާދުގައި ބާއްވާ ސާކް ސަމިޓްގައި ބައިވެރި ނުވާން އެންމެ ފުރަތަމަ ނިންމީ އިންޑިއާއިންނެވެ. އެ ގައުމުން މިގޮތަށް ނިންމީ ދާދި ފަހުން އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި ޕާކިސްތާނުންގެ ޓެރަރިސްޓުންތަކެއް ކަމަށް ބެލެވޭ ބަޔަކު ދިން ހަމަލާއެއްގައި އިންޑިއާގެ 18 ސިފައިން މަރުވުމާ ގުޅިގެންނެވެ.

މި ހަމަލާ އާ ގުޅިގެން ދެ އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި ވަނީ ވަރަށް ބޮޑަށް ގުޅުން ގޯސްވެ، ހަނގުރާމައެއްގެ ތުންފައްމައްޗަށް ވެއްޓިފަ އެވެ.

އިންޑިއާ އިން ބުނީ ޕާކިސްތާނަކީ ޓެރަރިޒަމަށް ވާގިދޭ ގައުމެއް ކަމަށާއި ބައިނަލްއަގްވާމީ މުޖުތަމައިން އެ ގައުމު އެކަހެރި ކުރަން ޖެހޭ ކަމަށެވެ.

pm-modi-and-ashraf-ghani-walk-into-president-house

ސާކް ސަމިޓްގައި އެ ގައުމުން ބައިވެރި ނުވާން ނިންމީ ވެސް މި ސަބަބާ ހެދި އެވެ.

ސާކްގައި ދިވެހި ރާއްޖެ ވެސް ހިމެނޭ ގޮތަށް އޮންނަނީ އަށް ގައުމެވެ.

އިންޑިއާގެ އިތުރުން އަފްގާނިސްތާނުން ވެސް މިހާރު ވަނީ ސަމިޓްގައި ބައިވެރި ނުވާނެ ކަމަށް ބުނެ އެވެ. އަދި ބޫޓާނާއި ބަންގަލަދޭޝް އިން ޕާކިސްތާނުގައި ބާއްވާ ސާކް ސަމިޓް ބޮއިކޮޓް ކުރާނެ ކަމުގެ އިޝާރާތްތަކެއް ލިބިފައިވެ އެވެ.

އެެހެން ނަމަވެސް މިކަމާ ބެހޭ ގޮތުން އަދި ރާއްޖޭން ވަކި ގޮތެއް ނުނިންމަ އެވެ.

އިންޑިއާ އިން ބުނީ ސާކްގެ އެހެން ގައުމުތަކުން ވެސް ސާކް ސަމިޓް ބޮއިކޮޓް ކުރުމަކީ އެ ގައުމުގެ އެކަހެރި ކުރަން އިންޑިއާ އިން ކުރާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.