Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

ބްލެކްބެރީން ފޯން ހެދުން ހުއްޓާލަނީ

ސާދަ އަހަރަށް ފަހު ބްލެކްބެރީން ފޯންތައް ޑިޒައިންކޮށް ފޯން ނެރުން ހުއްޓަލަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެއްއިރެއްގައި ބާޒަރުގެ އެންމެ ކުރީގައި އޮތް ބްލެކްބެރީ ދިޔައީ ވާދަވެރި އެޕަލްއާއި ސެމްސަންގުގެ ޒަމާނީ ހެޑްސެޓްތަކާއި އެއް ހަމައެއްގައި ވާދަކުރުމުގައި އުނދަގޫވަމުންނެވެ.

މިދިޔަ މެއި މަހު، އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް ޖޯން ސެން ވިދާޅުވީ މި ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ކުންފުނީގެ ވިޔަފާރިން ފައިދާ ކުރާނެތޯ ނުވަތަ ނޫންތޯ އެނގޭނެކަމަށެވެ.

މިހާރު ބްލެކްބެރީއިން ބުނީ އެކުންފުނީގެ ހާޑްވެއާ މަސައްކަތް ކުންފުނީގެ ޕާޓްނަރުންނާ ހަވާލުކުރާނެކަމަށެވެ.

އެހެންނަމަވެސް، އާ ބްލެކްބެރީ ފޯންތަކެއް ތަޢާރަފްކުރާނެކަން އެ ކުންފުނިން ކަށަވަރުކޮށްދީފަ ނުވެއެވެ.

ސީސީއެސް އިންސައިޓް ކޮންސަލްޓެންސީގެ ބެން ވުޑް ބުނި ގޮތުގައި ކުޑަ އަދަދެއްގެ ކްލައިންޓުންނަށްޓަކައި ބްލެކްބެރީއިން ފޯންތައް ނުއުފެއްދޭނެކަމަށެވެ.

"ބްލެކްބެރީއިން ފޯން އުފެއްދުން ހުއްޓަފާނެ ކަމުގެ ޚަބަރު ސިއްރުކޮށްފައެއް ނުވާނެ. ތިންވަނަ ފަރާތަކާ އެކަން ހަވާލު ކުރުމަކީ އެދެވިގެންވާ ހައްލެއް. އެކަމަކު ކޮންމެ ކުންފުންޏަކަށްވެސް ބްލެކްބެރީ ބްރޭންޑްގެ ޑިވައިސްތައް އުފެއްދުމުގައި ހަމަ އެ ގޮންޖެހުންތަކާ ކުރިމަތިވާނެ"، ޗެން ވިދާޅުވިއެވެ.

ޗެން ވިދާޅުވީ މުސްތަޤުބަލުގައި ބްލެކްބެރީގެ ހެޑްސެޓް ވިޔަފާރިން އެދެވޭ ފައިދާއެއް ނުލިބޭނަމަ، އެ ވިޔަފާރި މުޅިން ބަންދުކުރުމާއިމެދު ވިސްނާނެކަމަށެވެ.

"އެންމެ ފުރަތަމަ އަހަރެން އެހެން ބުނީ އެއް އަހަރު ކުރިން މިދިޔަ ސެޕްޓެމްބަރުގަ. މީހުން އަހަރެން ކައިރީ ކިތައް ދުވަސް ނަގާނެހޭ އެހުމުން އަހަރެން ބުނަނީ އެއް އަހަރޭ. އެހެންވީމަ އެއީ މިއަހަރު ސެޕްޓެމްބަރު މަހު"، ޗެން ވިދާޅުވިއެވެ.

އޮކްޓޯބަރު 2015 ގައި ބްލެކްބެރީއިން އެ ކުންފުނީގެ ހެޑްސެޓްގެ ވިޔަފާރި ބަދަލުކޮށް، ކުންފުނީގެ އެންމެ ފުރަތަމަ ސްމާޓްފޯން ގޫގުލްގެ އެންޑްރޮއިޑް އޮޕަރޭޓިންގް ސިސްޓަމްއާއި އެކު އުފެއްދިއެވެ.

އެހެންނަމަވެސް ބޭރަށް ނެރެވޭ ކީބޯޑަކާއިއެކު ތަޢާރަފްކުރި އެފޯނަކީ އާންމު ބާޒާރުގައި ހިނގާނެ ވަރަށްވުރެ މާ އަގުބޮޑު ފޯނެއްކަމަށް ޗެން ވިދާޅުވިއެވެ.

އޭގެފަހުން އެ ކުންފުނިން ވަނީ ފުރަތަމަ ތަޢާރަފްކުރި ސްމާޓްފޯނަށްވުރެ އަގުހެޔޮ ޓަޗުސްކްރީން އެންޑްރޮއިޑް ހޭންޑްސެޓެއް ތަޢާރަފްކޮށްފައެވެ.