Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

ޑޮއިޗޭ ޕޯސްޓުން ޔޫކޭ މެއިލް ގަންނަނީ

ޖަރުމަނުގެ ޕޯސްޓަލް ފާމްއެއް ކަމަށްވާ ޑޮއިޗޭ ޕޯސްޓުން ޔޫކޭ މެއިލް 242.7 މިލިއަން ޕައުންޑްއަށް ގަތުމަށްޓަކާ އެއްބަސްވެއްޖެއެވެ.

"ޔޫކޭ މެއިލްއަކީ ޔޫކޭގައި ކޮލިޓީ ޑެލިވަރީ ޚިދުމަތްދޭ ވަރަށް ކާމިޔާބު ކުންފުންޏެއް. އެ ކުންފުނި އަޅުގަނޑުމެންގެ ކުންފުންޏާ ވަރަށް ގުޅޭ"، ޑޮއިޗޭ ބޯޑުގެ މެމްބަރަކު ވިދާޅުވިއެވެ.

ޔޫކޭ މެއިލްގެ ޑިރެކްޓަރުން ބުނާ ގޮތުގައި އެ ކުންފުނި ވިއްކާލި އެއްބަސްވުމަކީ ވަރަށް ބުއްދިވެރި އަދި އިންސާފުވެރި އެއްބަސްވުމެކެވެ.

އެ އެއްބަސްވުމުގެ ދަށުން، ޔޫކޭ މެއިލްގެ ހިއްސާދާރުންނަށް ލިބޭނީ ކޮންމެ މީހަކަށް 440 ޕެންސްއެވެ.

ޔޫކޭ މެއިލްގެ ޗެއާމޭން ޕީޓާ ކޭން ވިދާޅުވީ އެ ޔޫކޭ މެއިލް އަށް ޑޮއިޗޭ ޕޯސްޓް ޑީއެޗުއެލްގެ ހިއްސާއަކަށްވުމުން ގިނަގުނަ ފައިދާތައް ކުރާނެ ކަމަށާއި އަދި ވިޔަފާރި އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެކަމަށް އެ ކުންފުނީގެ ބޯޑަށް ޤަބޫލުކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ސީދާ ޑޮއިޗޭ ޕޯސްޓް ޑީއެޗުއެލްގެ ބައިނަލްއަޤްވާމީ ޕާރުސަލް ނެޓްވޯކްގެ ޚިދުމަތްތަށް ލިބޭނެ. އަދި ޑޮއިޗޭ ޕޯސްޓް ޑީއެޗުއެލްގެ މިހާރުގެ ކަސްޓަމަރުންގެ ފަރާތުން ވިޔަފާރި އިތުރަށް ފުޅާ ކުރެވޭނެ"، އޭނާ އިތުރަށް ވިދާޅުވިއެވެ.

އެ ޚަބަރާއި ގުޅިގެން ޔޫކޭ މެއިލްގެ ހިއްސާތައް ވަނީ 40 އިންސައްތަ މައްޗަށް ގޮސްފައެވެ.

ޔޫކޭ މެއިލްއަށް ވަނީ މިދިޔަ އަހަރު ހުޅުވީ އާ ސެންޓަރެއްގައި ޖެހުނު ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ގިނަ އަދަދެއްގެ ޕާރުސަލްތައް މެނުއަލްކޮށް ބަލަހަށްޓާފައެވެ.

އޭގެ ސަބަބުން ޚިދުމަތްތަކުގެ އަގު ބޮޑުވެ ކުންފުނީގެ ފައިދާތައް ދަށަށް ދިޔައެވެ.

25000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދޭ އެ ޕާރުސަލް ޑެލިވަރީ ކުންފުނީގެ ޖުމްލަ 50 މަރުކަޒު ޔޫކޭގެ އެކި ހިސާބުތަކުގައި ޤާއިމްކުރެވިފައިވެއެވެ.