Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

"އާގަލާ" ގެ އިންޖީނު ހުއްޓިގެން އެހީ ފޯރުކޮށް ދީފި

ހިތަދޫން ފުރައިގެން މާލެ ދަތުރުކުރި "އާގަލާ" ބޯޓު އިންޖީނު ހުއްޓިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރައިން އިން މިރޭ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ) އަށް ލިބުނީ މިރޭ 20:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފިހާޅޮހި ރިސޯޓް ކައިރިން ދަތުރު ކުރަމުން ދަނިކޮށް އިންޖީނުން ތެޔޮ ހުސްވެގެން ހުއްޓުނު މި ބޯޓަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަ ކްރާފްޓް ވަނީ ކ. ގުރައިދު އަށް ގޮސް ދޯނީގެ ވެރި ފަރާތުން ހަމަޖެއްސި ތެޔޮ ބޯޓަށް ގެންގޮސް ދީފަ އެވެ.

މި ހާދިސާ ހިނގިއިރު ދޯނީގައި ދެ އަންހެނުންނާއި ކުޑަކުއްޖަކާ އެކު ޖުމުލަ 30 މީހުން ދަތުރު ކުރި އެވެ.

އެހެން ނަމަވެސް ބޯޓުން ދަތުރު ކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

މިހާރު މި ބޯޓު އަންނަނީ މާލެ ދިއުމަށް ދަތުރު ކުމުންނެވެ.