Last Updated: March 28, 17:47
Thursday, March 28, 2024
ޚަބަރު

ދެކުނުގެ ކުނި މެނޭޖް ކުރަން ބާޖުތައް ބަންނަން އިންޑިއާގެ ކުންފުންޏަކަށް

އައްޑޫ ހިމެނޭ ގޮތަށް ދެކުނުގެ ހަތަރު އަތޮޅުގައި ކުނި މެނޭޖް ކުރަން ގާއިމު ކުރާ ސަރަޙައްދީ ކުނި ނައްތާލާ މަރުކަޒަށް ބޭނުންވާ، ބާޖުތައް ބަނުމަށް އިންޑިޔާގެ ކުންފުންޏަކާ ޙަވާލުކޮށްފި އެވެ.

ދެކުނުގެ ހަތަރު އަތޮޅު ކަމުގައިވާ އައްޑޫ، ގއ، ގދ އަދި ފުވައްމުލަކުގެ ސަރަޙައްދީ ކުނި ނައްތާލާ ނިޒާމަކީ، 25 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން، ސަރަޙައްދީ ކުނި ނައްތާލާ މަރުކަޒު ގާއިމު ކުރަނީ ހިތަދޫގަ އެވެ.

މި ހަތަރު އަތޮޅުގެ 19 ރަށެއްގެ ކުނިކޮށިތައް އަޕްގްރޭޑްކޮށް، 13 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމް ކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި ކުނި އުފުލުމަށް ދެ ބާޖު ބޭނުން ކުރުމަށް ނިންމަވާފައިވާއިރު، 5 ރަށެއްގައި ކުނި ނައްތާލާ މެޝިން ނުވަތަ އިންސިނެރޭޓަރ ބެހެއްޓުންވެސް ހިމެނެއެވެ.

މަޝްރޫޢު ފެށުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކުގެ ތެރެއިން، ކުނި އުފުލާ ދެ ބާޖު ފަރުމާކޮށް، ބަނުމުގެ މަސައްކަތް ޙަވާލު ކުރީ، އިންޑިޔާގެ ވިޖައި މެރިން ކުންފުންޏާ އެވެ.

އެންވަޔަރަމަންޓް މިނިސްޓަރު ތާރީޤް އިބްރާހީމް ވިދާޅުވީ، ބާޖުތައް ބަނުމަށް ސަރުކާރުގެ ބަޖެޓުން 21 މިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަތް މަހުގެ ތެރޭގައި ބާޖުތަކުގެ މަސައްކަތް ނިންމުމަށް އެއްބަސްވެވިފައިވާ ކަމަށް ވިދާޅުވި އެވެ.