Last Updated: April 19, 22:45
Friday, April 19, 2024
ސިޔާސީ

އެމްޑީޕީން ގާނޫނަށް އަމަލު ކުރަން އަންގައިފި

ސިޔާސީ ޕާޓީގެ ޤާނޫނާއި، ޕާޓީގެ އަސާސީ ޤަވާޢިދާ އެއްގޮތަށް ޢަމަލު ކުރުމަށް އެމްޑީޕީ އަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އަަށް މިގޮތަށް އެންގީ އެމްޑީޕީގެ އިންތިޚާބީ މަޤާމުތަކުގައި ތިބި މީހުންގެ ދައުރު ހަމަވެ، އިންތިޚާބު ބާއްވާފައި ނުވާކަމަށް ބުނެ، އެ ޕާޓީގެ ކުރީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އިލެކްޝަނަށް ހުށައެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

އެމްޑީޕީގެ އަސާސީ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތުން އެ ޕާޓީގެ ރައީސާއި ނާއިބު ރައީސްގެ އިންތިޚާބީ ދައުރަކީ ފަސް އަހަރު ދުވަހެވެ.

އަދި އިންތިޚާބީ މަޤާމުތަކުގެ މުއްދަތު ހަމަވުމުގެ ކުރިން އިންތިޚާބެއް ބާއްވަން ޖެހޭ ކަމަށް އަސާސީ ޤަވާޢިދުގައި ބަޔާންކޮށްފައިވެ އެވެ.

cqnzphcviaejkig

އެމްޑީޕީގެ ރައީސާއި ނާއިބު ރައީސް އިންތިޚާބު ކުރުމަށް އެންމެ ފަހުން އިންތިޚާބެއް ބޭއްވީ މެއި 1، 2011 ގަ އެވެ.

އެ ތާރީޚުގައި އިންތިޚާބުކުރި ރައީސާއި ނައިބު ރައީސް މަޤާމުން ދުރު ކުރުމަށް ފަހު ދެން ބާއްވާފައި ވަނީ ބައި އިލެކްޝަނެއްކަމުން އޭޕްރީލް 30، 2016 އަށް އަލަށް އިންތިޚާބު ކުރި ރައީސާއި ނައިބުރައީސްގެ ދައުރު ހަމަވެފައިވާ ކަމަށް އަލްހާން ފަހުމީ އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވި ސިޓީގައި ބުނެފައިވެ އެވެ.

އަލްހާންގެ މި ސިޓީއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީ އަށް އަންގަވާފައި ވަނީ ސިޔާސީ ޕާޓީގެ ޤާނޫނާއި، އެ ޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތަށް ޢަމަލު ކުރުމަށެވެ.

އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން ޢަލީ ނިޔާޒް ވިދާޅުވީ އެމްޑީޕީ ހިންގަމުން ގެންދަނީ އެ ޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތަށް ކަމަށެވެ.

އަދި ސިޔާސީ ޕާޓީގެ ޤާނޫނާ އެޕާޓީން ޚިލާފުވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.