Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މާލެ ގެއަކުން ގިނަ އަދަދެއްގެ ރަތް މުރަކަ ހޯދައިފި

މާލޭގެ ގޯޅިއެއްގެ ތެރޭގައި ހުރި ގިނަ ޢަދަދެއްގެ ރަތްމުރަކަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަޙްޤީޤް ކުރަން ފަށައިފިއެވެ.

ޢާއްމު ފަރާތަކުން ފުލުހުންނަށް ދިން މަޢުލޫމާތަކާއެކު މޯލްޑިވްސް ޕޮލިސް ސާވިސްގެ ޖެންރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުން މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިއަދު މެންދުރުފަހު 15:30 ހާއިރު މ. ލަދުމާގެ ގޯޅިތެރޭގައި ހުއްޓައެވެ.

މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބެލިއިރު މީގެ ތެރޭގައި ރަތްމުރަކައިގެ 41 ގަނޑު ހަތާ ހުއްޓެވެ.

މި މައްސަލާގައި މީހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ. އަދި މި ތަކެތީގެ މަޢުލޫމާތު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އަށާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަށް ވަނީ ޙިއްސާ ކޮށްފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މިތަކެތި މިހާރު ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި ޙަވާލު ކޮށްފައެވެ.

ތިމާވެއްޓަށް ގެއްލުންދޭ މިފަދަ ތަކެތި ޤަވާޢިދާ ޚިލާފަށް ގެންގުޅޭނަމަ އެފަދަ މައްސަލަތައް ތަޙްޤީޤުކޮށް މިފަދަ މައްސަލަތަކާ ގުޅުންހުންނަ ތަކެތި މީގެ ކުރިންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.